އޭސީޕީ ފައިރޫޝް ވަޒީފާއިން ވަކިކޮށްފި
އޭސީޕީ ފައިރޫޝް ވަޒީފާއިން ވަކިކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުމަށް އޮސްޓްރޭލިއާގައި މި ވަގުތު ހުންނެވި ފައިރޫޝް ވަޒީފާއިން ވަކިކުރީ، އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ފައިރޫޝް ވިދާޅުވީ ވަޒީފާއިން ވަކިކުރެއްވި މައްސަލަ ޑިސިޕްލިނަރީ ބޯޑަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކުރީ "ސޯޝަލް މީޑިއާގައި ސަރުކާރާއި ފުލުހުންނާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް" ބުނެ އެވެ.

ކޮރަޕްޝަނާ ގުޅޭ ގޮތުން ލިޔެފައިވާ ހަބަރެއް މީގެ ކުރިން އޭނާ ވަނީ ފޭސްބުކްގައި ޝެއާކުރައްވައިފަ އެވެ.

"ހަލާލު ކަންތަކާ ގުޅޭ ގޮތުން އަޅުގަނޑު ޓްވީޓެއް ވެސް ކުރިން. މިއީ ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއް ކަމަށް ނުދެކޭތީ މައްސަލަ ބޯޑަށް ހުށަހެޅީ،" ފައިރޫޝް ވިދާޅުވި އެވެ.

ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ރިޔާޒު މިދިޔަ މަހު ވަކިކޮށްފައިވާއިރު، ސީނިއާ ފުލުހުންގެ ސުލޫކީ މައްސަލަތަކެއް ވެސް ފުލުސް އޮފީހުން ވަނީ ބަލާފަ އެވެ. އަދި ބައެއް ފުލުހުންގެ މަގާމު ވެސް ވަނީ މިދޭތެރެއިން ދަށްކޮށްފަ އެވެ.