31 އޮކްޓޯބަރ 2017 - 06:10

ޒުވާން ދުވަސްވަރު އަންހެނުންގެ ބަރުދަން މާ ބޮޑަށް ލުއި ނަމަ އަވަހަށް އިއްދައިން ކެނޑުމުގެ ނުރައްކާ އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ. މިކަމުން، ސިއްހަތަށް ވަރަށް ގިނަ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް މިކަމާ ގުޅޭ ގޮތުން ހެދި ވަރަށް ބޮޑު ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.
މި ހޯދުމުން ދައްކާގޮތުން އެންމެ ޒުވާން ދުވަސްވަރު ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރަށް ނެތް ނަމަ މި އުމުރުގެ އާދައިގެ ބަރުދަނުގެ އަންހެނުންނަށް ވުރެ އަވަހަށް އިއްދައިން ކެނޑުމުގެ ފުރުސަތު 30 ޕަސެންޓް އިތުރުވެ އެވެ.
މި ދިރާސާގައި އަވަހަށް އިއްދައިން ކެނޑުން ކަމަށް ބުނެފައި ވަނީ 45 އަހަރު ނުފުރެނީސް އިއްދައިން ކެނޑުމަށެވެ. މިގޮތަށް މާ ޅަ އުމުރުގައި އިއްދައިން ކެނޑުމަކީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ. އޭގެ ތެރެއިން އެއް ކަމަކީ އަންހެންމީހާގެ ދަރިމައިވުމުގެ ގާބިލްކަން ލިބިފައިވާ ދުވަސްތައް މަދުވުމެވެ. އަދި އަވަހަށް އިއްދައިން ކެނޑުމުގެ ސަބަބުން ހިތުގެ ބައްޔާއި ކަށިފީވުން އަދި ހަނދާން ބަލިވުން ފަދަ ސިއްހީ މައްސަލަތައް ދިމާވެ އެވެ.
އަވަހަށް އިއްދައިން ކެނޑެން މެދުވެރިވަނީ ބަރުދަން މާ ބޮޑަށް ލުއިވުމުގެ ސަބަބުން ކަމަކަށް މި ދިރާސާގައި ނުބުނެ އެވެ.
"މިއީ ހަމައެކަނި ސަމާލުކަމަށް ގެނައުމަށް ކޮށްފައިވާ ދިރާސާއެއް. މިކަމާ ގުޅޭ އިތުރު ދިރާސާތައް ހަދަން ޖެހޭ،" ދިރާސާގެ ލީޑް ރިސާޗަރު ބުންޏެވެ.
ނަމަވެސް އަންހެންމީހާގެ ބަރުދަނާއި އޭނާއަށް ކޮންމެ މަހަކު ޖެހޭ މައްސަރުކަންތައް ޖެހުމާ ގުޅުމެއްވާކަން އެއީ މާކުރިން ވެސް ގިނަ ބަޔަކަށް އެނގިފައި އޮންނަ އެއްޗެކެވެ. އެގޮތުން މާ ބޮޑަށް ބަރުދަން ލުއި ބައެއް އަންހެނުން ވަރަށް އަވަހަށް މައްސަރުކަންތައް ޖެހުން ހުއްޓެ އެވެ. ނަމަވެސް މިކަމާ އަވަހަށް އިއްދައިން ކެނޑުމާ ގުޅުމެއް ވާކަމެއް ސާފެއް ނުވެ އެވެ.
ބައެއް ތިއަރީ ބުނާ ގޮތުގައި މިގޮތަށް ދިމާވަނީ ބަރުދަން މާ ލުއި އަންހެނުންނަކީ އުފަންވާއިރު ވެސް ވަރަށް ބަރުދަން ލުއި ކުދިންނަށް ވުމުން ކަމަށް ވެދާނެ އެވެ. އެހެންކަމަށް ވެއްޖެ ނަމަ އެމީހުންގެ "އޯވޭރިއަން ޕޫލް" ނުވަތަ ހަށިގަނޑުގައި ބިސް ހުރި މިންވަރު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
އޮކްޓޯބަރު 26 ގައި ޝާއިއުކުރި ޖާނަލް ހިއުމަން ރިޕްރޮޑަކްޝަންގައިވާ މި ދިރާސާ އަމާޒުކުރީ މި ދިރާސާގައި ބައިވެރިވި އެމެރިކާގެ 79،000 ނަރުހުންނަށެވެ. މި މީހުންނަކީ އުމުރުން 25 އަހަރާއި 42 އަހަރާ ދެމެދުގެ މީހުންނެވެ. މި ދިރާސާ ފަށާފައި ވަނީ 1989 ގަ އެވެ.
ދިރާސާގައި ހޭދަވި 22 އަހަރުގެ ތެރޭގައި ބައިވެރިންގެ ތެރެއިން އަވަހަށް އިއްދައިން ކެނޑިފައިވަނީ 2800 މީހުންނެވެ. އަދި މި މީހުންގެ ތެރެއިން 18 ނުވަތަ 35 އަހަރުގައި ބަރުދަން ހުންނަންވާ ވަރަށް ވުރެ ލުއި މީހުން އަވަަހަށް އިއްދައިން ކެނޑިފައިވާލެއް މާ ގިނަ ކަން މި ހޯދުމުން ވަނީ ހާމަވެފަ އެވެ.
ބަރުދަން ލުއި ކަމަށް ބަލާފައިވަނީ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 18.5 އަށް ވުރެ ދަށްވީމަ އެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ ލުއި، ގިނަ މީހުން އަވަހަށް އިއްދައިން ކެނޑިފައެއް ނުވެ އެވެ. މިސާލަކަށް 35 އަހަރުވީއިރު ބަރުދަން ލުއިކޮށް ތިބީ 1،100 އަންހެނުންނެވެ. ނަމަވެސް މި މީހުންގެ ތެރެއިން އަވަހަށް އިއްދައިން ކެނޑުނީ 61 މީހުންނެވެ. ނަމަވެސް މި މީހުންނަށް އޮތް ނުރައްކާތައް ވަރަށް މައްޗެވެ.
މި ދިރާސާ ކުރި ފަރާތުން ބުނި ގޮތުގައި މިކަމާ ގުޅޭ އިތުރު ހޯދުންތައް ހޯދަން ޖެހެ އެވެ. ސަބަބަކީ އަވަހަށް އިއްދައިން ކެނޑުނުކަމަށް ބުނެފައިވާ ވަރަށް ހިކިކޮށް ތިބި ގިނަ މީހުންނަކީ އަސްލު އިއްދައިން ނުކެނޑި މައްސަރުކަންތައް ނުޖެހޭތީ އެހެން ހީވެގެން އުޅޭ މީހުންނަށް ވެދާނެތީ އެވެ.