ގަތަރުގެ މިނިވަންކަމަކީ ރަތް ރޮނގެއް: އަމީރު
ގަތަރުގެ މިނިވަންކަމަކީ ރަތް ރޮނގެއް: އަމީރު

ދޯހާ (އޮކްޓޯބަރު 30) - ގަތަރުގެ މިނިވަން ކަމަކީ "ރަތް ރޮނގެއް" ކަމަށާއި ގަލްފުގެ ގައުމުތަކުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް އެ ރޮނގު ހުރަސް ނުކުރެވޭނެ ކަމަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވެއްޖެ އެވެ.

"ގަތަރުގެ މިނިވަންކަން ގުރުބާން ކުރަން އެއްވެސް ބަޔަކަށް މަސައްކަތެއް ނުކުރެވޭނެ. އެކަމަށް ހުރަހެއް ވެސް ނޭޅޭނެ. ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގު ހުރަސްކޮށްފައި ނުދެވޭނެ،" އެމެރިކާގެ ޓީވީ ޗެނަލް ސީބީއެސްގެ 60 މިނިޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝެއިޚް ތަމީމް ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އިސްވެ ޖޫން 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލި ފަހުން ޔޫއޭއީ އާއި ބަހުރޭން އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ. އޭގެ ފަހުން ވަނީ މި ހަތަރު ގައުމުން ގަތަރާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

"އެ ހަތަރު ގައުމުން ބޭނުމެއް ނުވޭ މިނިވަން ގައުމެއްގެ ގޮތުގައި ގަތަރު އޮންނާކަށް. ގަލްފުގެ ގައުމުތަކުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަން ގަތަރުން ބޭނުންވޭ. އެކަމަކު އެ ގައުމުތަކުން ދެކެނީ އެއީ ބިރެއް ކަމަށް،" ޝެއިޚް ތަމީމް ވިދާޅުވި އެވެ.

މެދުއިރުމައްޗާއި ނޯތު އެފްރިކާގެ ބައެއް ގައުމުތަކުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވި "އަރަބް ސްޕްރިން" އަށް އިޝާރާތް ކުރައްވާ ޝެއިޚް ތަމީމް ވިދާޅުވީ އޭރު ގަތަރުން ތެދުވީ ރައްޔިތުންނާ އެއްކޮޅަށް ކަމަށެވެ. އެކަމަކު އެހެން ގައުމުތަކުގެ ސަރުކާރުތަކުން މަސައްކަތް ކުރީ ވެރިންނާ އެއްކޮޅަށް ކަމަށް ވިދާޅުވި އެވެ.

ގަލްފުގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ އެއް ކޮޓަރިއެއްގައި ބައްދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުން ލިބުނީ ޝޮކެއް ކަމަށް ވެސް ޝެއިޚް ތަމީމް ވިދާޅުވި އެވެ.

ގަތަރާ އަލުން ގުޅުން ގާއިމްކުރުމަށް ޖޫން 22 ވަނަ ދުވަހު ހުށަހެޅި 13 ޕޮއިންޓުގެ ލިސްޓުގައި އަލް ޖަޒީރާ ނެޓްވޯކް ބަންދުކުރުން ހިމެނެ އެވެ. ޝެއިޚް ތަމީމް ވިދާޅުވީ 1996 ވަނަ އަހަރު އުފެއްދި އަލް ޖަޒީރާގެ ކުރިމަގާ މެދު އެއްވެސް ބަޔަކާ އެކު މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

ބައްޕާފުޅު ހަމަދު ބިން ޚަލީފާ އަލް ސާނީ އިސްތިއުފާ ދެއްވުމާ ގުޅިގެން ގަތަރުގެ އަމީރުކަން ޝެއިޚް ތަމީމަށް ލިބިވަޑައިގަތީ 2013 ވަނަ އަހަރު އެވެ. އޭރު އުމުރުފުޅަކީ 33 އަހަރެވެ.