ބާސެލޯނާ ފަހަތަށް ޖައްސާލެވިދާނެ: ޒިދާން
ބާސެލޯނާ ފަހަތަށް ޖައްސާލެވިދާނެ: ޒިދާން

މެޑްރިޑް (އޮކްޓޯބަރު 30) – ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން 2-1 އިން ބަލިވެ އެއް ވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓް ފަހަތަށް ދިޔަ ނަމަވެސް ރެއާލް މެޑްރިޑަށް އަދިވެސް ލީގު ކާމިޔާބުކުރެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ލީގުގައި އަލަށް ވާދަކުރާ ޖިރޯނާ އަތުން ރޭ 2-1 އިން ލަދުވެތި ގޮތަކަށް މެޑްރިޑް ބަލިވިއިރު އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ 28 ޕޮއިންޓާ އެކު އެވެ. އެހެންކަމުން އެންމެ ފަހުގެ ޗެމްޕިއަން މެޑްރިޑަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭނެ އެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ހާލަތު ބަދަލުކުރެވިދާނެކަން. ސީޒަނުގެ ތެރޭގައި އަހަރެމެންނަށް ކާމިޔާބު ދުވަސްތައް ވެސް އަންނާނެ އަދި އެހެން ޓީމުތަކުގެ އަތުން ޕޮއިންޓްތައް ވެސް ގެއްލޭނެ،" ޒިދާން ބުންޏެވެ. "ހީނުކުރާ ގޮތަކަށް ތިން ޕޮއިންޓް މި ގެއްލުނީ. އެކަމަކު އަހަރެމެން ބޭނުން ސްޕެނިޝް ލީގު ކާމިޔާބުކުރަން."

ޒިދާން ބުނީ ރޭގެ މެޗުގައި މެޑްރިޑުން ދަށްކޮށް ކުޅުނު ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރި ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ގެޔަށް ގޮސް އަރާމުކޮށް ބުދަ ދުވަހަށް (ޗެމްޕިއަންސް ލީގު) ތައްޔާރުވާނަން. ކުޅުންތެރިން އަދިވެސް ތިބީ ސްޕެނިޝް ލީގު ހޯދަން ހިތްވަރުގައި،" މިދިޔަ ދެ ސީޒަނުގައި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން ބުންޏެވެ.