30 އޮކްޓޯބަރ 2017 - 14:37

ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަހްމަދު ސައުދީއާ ދެމެދު ހިނގި ދެބަސްވުމެއްގެ މައްސަލަ ރައީސް އޮފީހުން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އެންމެ އިސް ދެ ވެރިންގެ މެދުގައި ހިނގި ދެބަސްވުމުގެ މައްސަލަ ބަލަނީ ރައީސް އޮފީހުން އެކަމަށް އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ރައީސް އޮފީހުގެ މިނިސްޓަ އޮފް ލީގަލް އެފެއާޒް އާއިޝަތު އާޒިމާ ޝަކޫރާއި މިނިސްޓަ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް މުހައްމަދު މުޖުތާޒާއި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ އިސޯމް މުހައްމަދާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.
ނަމަވެސް މި ކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ނުލިބުނެވެ. އެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު ވިދާޅުވީ "މީޑިއާގައި ހާމަ ކުރެވޭ ކަހަލަ ތި ޒާތުގެ މައުލޫމާތެއް އަޅުގަނޑުގެ އަތުގައި ނެތް" ކަމަށެވެ.
މި މައްސަލަ ހަތަރު ބޭފުޅުންގެ ކޮމިޓީން ބަލަމުން އަންނަ އިރު، ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބައެއް އޮފިސަރުން މިހާރު ވަނީ އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ ކޮމިޓީން ބަލަމުން އަންނަނީ، ކޮމިޝަނަރު އަރީފާއި ޑެޕިއުޓީ ކޮމިޝަނަރު ސައުދީގެ ސީދާ ކޮން މައްސަލައެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި އަރީފާއި ސައުދީއާ ދެމެދު ހިނގި މާރާމާރީއެއްގެ މައްސަލަ ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ ދެމެދުގައި އެފަދަ ހަމަނުޖެހުމެއް ނުހިނގަ އެވެ.
ފުލުހުންގެ އެންމެ އިސް ދެ ވެރިންގެ މައްސަލައެއް ރައީސް އޮފީހުން ބަލަމުން އަންނަ އިރު، ފުލުހުންގެ އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިހާރު ވަނީ އެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑު އަށް ފޮނުވަން ނިންމައިފަ އެވެ.