04 ޖުލައި 2016 - 11:16

ޕެރިސް، ފްރާންސް (ޖުލައި 4) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކޮޅަށް ޖެހި ލަނޑު ޖެހި، ވޭލްސްގެ ފޯވާޑް ހަލް ރޮބްސަން-ކާނޫ އަށް ކްލަބްތަކުން އޮފާތައް އޮއްސަން ފަށައިފި އެވެ.
މިދިޔަ ސީޒަނަށް ފަހު އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ރެޑިން އިން ވަނީ އުމުރުން 27 އަހަރުގެ ރޮބްސަން-ކާނޫ ރިލީޒްކޮށްފަ އެވެ. އެކަމަކު ޔޫރޯގައި ޖެހި ދެ ލަނޑާ އެކު އޭނާގެ މަގުބޫލުކަން ވަނީ ބޮޑުވެފަ އެވެ. ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން ވޭލްސް މޮޅުވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރޮބްސަން-ކާނޫ ޖެހި ލަނޑުންނެވެ. އަދި ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން ވޭލްސް މޮޅުވީ ވެސް އޭނާ ޖެހި މޮޅު ލަނޑާ އެކު އެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުން އޮފާތައް އެބަ އާދޭ،" ރޮބްސަން-ކާނޫ ބުންޏެވެ.
އޭނާ ބުނީ ޕްރިމިއާ ލީގުގައި ކުޅުމަކީ އަބަދުވެސް އުއްމީދެއް ކަމަށާއި އެފަދަ ފުުރުސަތެއް ލިބިއްޖެ ނަމަ ބޭނުންކުރާނެ ކަމަށެވެ.