31 އޮކްޓޯބަރ 2017 - 06:15

ބޮލީވުޑްގެ "ޑްރީމް ގާލް" ހެމާ މާލިނީގެ ބައޮގްރަފީ ދާދި ފަހުން ނެރުނު އިރު ހެމާގެ ހަޔާތުގެ ވަރަށް މުހިއްމު ހަގީގަތްތަކެއް އޭގައި ހާމަކޮށްފައިވެ އެވެ. އެފަދަ އެއް ހާދިސާ އަކީ ހެމާ އާއި އޭނާގެ ދޮންދަރިފުޅު ސަނީ ޑެއޯލްގެ ގުޅުމުގެ ވާހަކަ އެވެ.
އިންޑިއާގެ މިޑް-ޑޭ ނޫހުގައި ޝާއިއުކޮށްފައިވާ މި ބައޮގްރަފީގެ ބައެއް ސަފުހާތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އަތުލި އެއް ސަފުހާއަކީ ސަނީ އާއި ހެމާ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކި ގޮތެވެ. އަދި ސަނީ އާއި ހެމާގެ އޮންނަ ގުޅުމާ ބެހޭ ގޮތުން ހެމާ ދައްކާފައި ހުރި ވާހަކަތަކެވެ.
ސަނީ އާއި ހެމާގެ ގުޅުން މާ ރަނގަޅު ވެދާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ. ސަބަބަކީ ހެމާ އަކީ ސަނީގެ ބައްޕަ އޭނާގެ މަންމަ ޕްރަކާޝް ދޫކޮށްލާފައި ގޮސް ގުޅުނު މީހަކަށް ވާތީ އެވެ.
ހެމާ އާއި ދަރުމެންދުރަ ކައިވެނި ކުރި ދުވަސްވަރު ވެސް ސަނީ ރުޅިގަދަވެގެން އެކި ކަހަލަ ކަންތައްތައް ކުރި ވާހަކަތައް އިންޑިއާގައި އޭރު ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި ޝާއިއުކޮށްފައިވެ އެވެ. އެހެންވެ ދުވަހަކުވެސް ސަނީ އާއި ހެމާ ވާހަކަ ދައްކަފާނެ ކަމަކަށް އެކަކުވެސް ހިތަކަށް ނާރަ އެވެ.
ހެމާ ދެކެ ސަނީ ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް އޭނާއާ ވާހަކަ ދައްކަން ސަނީ އަށް ޖެހުނީ ހަމަ ދިމާވި އިއްތިފާގަކުންނެވެ. ސަނީ އާއި ހެމާއާ ދެމެދުގައި ސުލްހަ ވެވެން މެދުވެރިވީ މީހަކީ ކުރީގެ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.
ޑިމްޕަލް އާއި ހެމާ އަކީ ބެސްޓް ފްރެންޑުންނެވެ. ދެ މީހުންގެ މި އެކުވެރިކަން އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. ހަގީގަތުގައި ފިލްމު އިންޑަސްޓްރީގައި ވެސް އަދި އިންޑަސްޓްރީން ބޭރުގައި ވެސް ހުރި ހެމާގެ އެންމެ ގާތް އަންހެން އެކުވެރިއަކީ ޑިމްޕަލް އެެވެ. އެހެންވެ ހެމާއަށް ސަނީއާ ވާހަކަ ދެއްކޭ ގޮތް މެދުވެރިވީ ވެސް ޑިމްޕަލްގެ ސަބަބުންނެވެ.
އެ ހާދިސާ ކިޔައިދެމުން ހެމާ އޭނާގެ ބައޮގްރަފީގައި ބުނެފައިވާ ގޮތުގައި އެއީ އޭނާ ޑައިރެކްޓްކުރި ފިލްމެއް ކަމަށްވާ "ދިލް އާޝްނާ ހޭ" އުފެއްދުމުގެ މަސައްކަތް ކުރި ދުވަސްވަރެވެ. ޑިމްޕަލް އެ ފިލްމުގައި ކުޅެނީ ދިވްޔާ ބާރްތީގެ މަންމަގެ ރޯލެވެ. ހެމާ ބޭނުންވީ މިތުން ޗަކްރަބަތީ ލައްވާ ވައިކުޑައިން ފުންމާ މަންޒަރެއް ކުޅުވާށެވެ. އަދި ފިލްމުގެ ލަވައެއްގެ މަންޒަރެއްގައި މަތިންދާބޯޓެއް ވެސް ބޭނުން ކުރަން ޖެހެ އެވެ. ޝޫޓިން ފަށަން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ޕައިލެޓަށް އެކްސިޑެންޓެއް ދިމާވުމުން ޑިމްޕަލް އެ މަންޒަރު ކުޅެން ބިރުގަތީ އެވެ. ޑިމްޕަލް ބިރުން ސަނީ އަށް ގުޅުމުން އޭނާއަށް މަޖްބޫރުވެގެން ހެމާއާ ބައްދަލުކުރަން އައީ އެވެ.
"އަހަރެން އެ ދުވަހު ސަނީއަށް ޔަގީންކަން ދިނިން ޑިމްޕަލް އަށް އެއްވެސް ނުރައްކަލަކާ ކުރިމަތިނުވާނެ ކަން. އެ ދުވަހަށް ފަހުން އަހަރެމެން ވާހަކަ ދައްކަން ފެށީ،" ހެމާ ބުނެފައިވެ އެވެ.
މިއީ ޑިމްޕަލް ގަސްތުގައި ކުރި ކަމަކަށް ނުވިޔަސް ހެމާ އާއި ސަނީ ވާހަކަ ދައްކަން ފެށީ އޭނާގެ ސަބަބުންނެވެ.
ހެމާގެ ބައޮގްރަފީން ޔަގީންވި އަނެއް ކަމަކީ "ދިލް އާޝްނާ ހޭ" އުފެއްދިއިރު ވެސް ސަނީ އާއި ޑިމްޕަލްގެ ގާތް ގުޅުމެއް އޮންނަ ކަމެވެ. އެ ދެ މީހުންގެ އެއްވެސް ގުޅުމެއް މިހާރު ނޯންނަ ކަމަކަށް ހީވެފައި އޮތް ނަމަވެސް ދާދިފަހުން ލަންޑަންގެ މަގެއް މަތީގައި ހުރި ގޮނޑިއެއްގައި އަތާ އަތް ގުޅާލައިގެން ތިއްބާ މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުން އަދިވެސް އެ މީހުންގެ ގުޅުން އޮތްކަން ވަނީ ފަޅާ އަަރައިފަ އެވެ.