31 އޮކްޓޯބަރ 2017 - 06:12

ރޯހިތު ޝެޓީ އަކީ މިހާރު ހިޓް ފިލްމު އުފައްދާ މެޝިނަކަށް ވެއްޖެ އެވެ. އޭނާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްވި "ގޯލްމާލް 3" 100 ކްރޯޑަށް ވުރެ ގިނައިން ހޯދުމާ އެކު އޭނާގެ ރެކޯޑް މިހާރު ވަނީ ވަރަށް ރީތިވެފަ އެވެ. ސަބަބަކީ ކޮންމެ އަހަރަކު 100 ކްރޯޑު ލިބޭ ފިލްމެއް އުފެއްދޭ ޑައިރެކްޓަރަކު އޭނާ ނޫނީ ނެތީމަ އެވެ.
ރޯހިތުގެ ފިލްމުތަކުގެ ތެރެއިން 100 ކްރޯޑު ހޯދި ފިލްމުތަކުގެ ތެރޭގައި "ގޯލްމާލް 3"، "ސިންގަމް"، "ޗެންނައި އެކްސްޕްރެސް"، "ސިންގަމް ރިޓާންސް"، "ބޯލް ބައްޗަން"، "ދިލްވާލޭ" އަދި "ގޯލްމާލް އެގެއިން" ހިމެނެ އެވެ.
ފަހުގެ މާޒީއެއްގައި އެއްވެސް ޑައިރެކްޓަރަކަށް މިފަދަ ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.
ރޯހިތުގެ ފިލްމުތަކަކީ އަަބަދުވެސް ވަރަށް ގިނަ ތަރިން ހިމަނައިގެން ވަރަށް ސްޓައިލްކޮށް އުފައްދާފައި ހުންނަ ފިލްމުތަކެކެވެ. އޭނާގެ ހުރިހާ ފިލްމެއްގައި ވެސް ކާރުތައް މައްޗަށް އަރާފައި ގޮވާތަން ފެންނާނެ އެވެ. ނަމަވެސް މި މަންޒަރަކީ ރޯހިތުގެ ލަކީ ޗާމެއް ނޫނެވެ. އޭނާއަށް ކާމިޔާބު ލިބެނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ކުޅަދާނަކަމުގެ ސަބަބުންނެވެ.
"ގޯލްމާލް އެގެއިން" ގައި މާ ޚާއްސަ މަންޒަރުތަކެއް އޭނާ ހިމަނާފައެއް ނުވެ އެވެ. ނަމަވެސް އެ ފިލްމަކީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށް ވަނީ ވެފަ އެވެ. ނުވަ ދުވަހުގެ ތެރޭގައި "ގޯލްމާލް އެގެއިން" ވަނީ 153.94 ކްރޯޑު (15.3 ބިލިއަން ރުޕީސް) ހޯދާފަ އެވެ.
ރޯހިތުގެ ކޮންމެ "ގޯލްމާލް" ފިލްމެއްގައި ތީމެއް އޮވެ އެވެ. އެގޮތުން ފުރަތަމަ ފިލްމުގައި ދައްކަނީ ލޮލަށް ނުފެންނަ ދެމަފިރިއެއްގެ އަތުން ފޭރެން މަސައްކަތްކުރާތީ އެވެ. ދެ ވަނަ ފިލްމުގައި ފެންނަނީ ޝައްކާއި ވަހުމުން ފުރިފައިވާ އަނބިންގެ ވާހަކަ އެވެ. ތިން ވަނަ ފިލްމުގައި ދައްކަނީ އާއިލާއެއްގެ މެމްބަރެއްގެ ހަސިއްޔަތުން ދިމާވާ ކަންތައްތަކެކެވެ. އަދި މިފަހަރު ނެރުނު ހަތަރު ވަނަ ފިލްމުގައި ދައްކަނީ ބިރުވެރި ކަންތައްގަނޑެކެވެ.
ބެލުންތެރިންނަށް ރޯހިތުގެ ފިލްމުތައް ވަރަށް ކަމުދެ އެވެ. ގިނަ މީހުން ބުނަނީ މިއިން ޒަމާނަކު ވެސް ނުހެވޭ ވަރަށް ރޯހިތުގެ ފިލްމުތައް ބެލުމުން ހެވޭ ކަމަށެވެ.
މީގެ ފަސް ވަނަ ފިލްމެއް އުފައްދާކަން ރޯހިތު މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.