މުސާރަ ހޯދަން ޖޯން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމައިފި
މުސާރަ ހޯދަން ޖޯން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމައިފި

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސޭފާޓް އޭނާ އަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

ޕާސްޕޯޓް ނެތި ހުޅުމާލޭގައި އުޅެނިކޮށް އަތުލައިގަނެ، 10 އަހަރަށް ޑީޕޯޓްކޮށްލާފައިވާ ޖޯން އަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ޖޯންގެ ފަރާތުން ދައުވާކުރީ އަބްދުލްހަސީބް މުހައްމަދު ކިޔާ މީހެއްގެ މައްޗަށެވެ.

ހަސީބްގެ ގެސްޓްހައުސެއް ހެދުމަށް އިންވެސްޓްކޮށް، އެތަނުގެ އިންކީޕަރެއްގެ މަގާމުގައި ހުރުމަށް ފަހު މައްސަލަ ޖެހިގެން ވަޒީފާ އަދާކުރުން ހުއްޓާލާފައިވާ ކަމަށާއި ވަޒީފާ އަދާކުރި މުއްދަތުގައި އޮގަސްޓް، 2012 އިން ފެށިގެން އޮގަސްޓް، 2014 ގެ ނިޔަލަށް މުސާރަ ނުލިބޭ ކަމަށް ޖޯންގެ ފަރާތުން ހުށަހެޅި މައްސަލާގައިވެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ވަޒީފާއާބެހޭ ގާނޫނު ހިނގާނީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މައްޗަށް ކަމަށާއި އެކަމަކު ޖޯންއަކީ ހަސީބުގެ މުވައްޒަފެއް ކަން އެނގެން ނެތް ކަމަށެވެ. އަދި އެ ދެ މީހުންގެ ދެމެދުގައިި ވަޒީފާގެ ގުޅުމެއް އުފެދިފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ވަނީ ނިންމައިފަ އެވެ.

މުސާރަ ހޯދަން ޖޯން ކުރި ދައުވާ ނާކާމިޔާބު ވިޔަސް ވިޔަސް އޭނާގެ ވިޔަފާރީގެ ހިއްސާދާރަކާ ޖެހުނު މައްސަލައެއްގައި ޖޯން އަށް ނުލިބި އޮތް ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖޯންއަށް ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި ޖޯންގެ ފަރާތުން އެހެން ދެ މީހަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުޅުމާލޭ ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ އެ ދެ ހުކުމް ބާތިލްކޮށް، އެ ފައިސާތައް ޖޯން ދައްކަން ނުޖެހޭ ކަމަށް ހުކުމްކޮށްފަ އެވެ.

ޖޯންގެ ވަކީލުން ބުނެފައިވާ ގޮތުގައި އޭނާ ޕާސްޕޯޓް ނެތި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނީ އޭނާއާ އެކު ދިވެހިން އޭނާ އަތުން ފައިސާ ނެގުމަށް ފަހު އޭނާގެ ޕާސްޕޯޓް ވަގަށް ނެގުމުންނެވެ.