ފެން އީދަކަށް ވުން ކައިރި
ފެން އީދަކަށް ވުން ކައިރި

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފި އެވެ. އެހެންކަމުން މިފަހަރުގެ ކުޑަ އީދު ފެނަށް ވުން ކައިރި އެވެ.

މިދިއަ ތިން ދުވަހު ވެސް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވެފައިވެ އެވެ. އަދި މާލެ އަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހުނެވެ.

ވިއްސާރަ ވިލާތައް ރާއްޖޭގެ ހިސާބުތަކަށް ޖަމާވާން މި ފެށީ ފިތުރު އީދަށް ދެ ދުވަށް ވެފައި ވަނިކޮށެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އީދުވުން ކައިރީ އަންނަ ބުދާގަ އެވެ. އެހެންކަމުން ބުދައިން ފެށިގެން ހޮނިހިރާ ހަމައަށް ސަރުކާރު ބަންދުވާތީ ގިނަ ބަޔަކު ރަށުން ބޭރަށް ދާން ވެސް ވަނީ ތައްޔާރުވެފަ އެވެ.

މެޓުން ބުނާ ގޮތުގައި މިހާރު ކުރާ ވިއްސާރައިގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ. އޭގެ މާނައަކީ ވިލާގަނޑުގައި ރާއްޖޭގެ ދެ ކޮޅަށް ވެސް ކަނޑު ގަދަވުމެވެ.

މިދުވަސްވަރު ރަށުން ބޭރަށް ދަތުރުކުރާ އިރު މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކުރެ އެވެ.