ދާދާގިރީ އާއި މިރްޗް މަސާލާ ވެސް އޮކްސްފޯޑް ޑިކްޝަނަރީ އަށް
ދާދާގިރީ އާއި މިރްޗް މަސާލާ ވެސް އޮކްސްފޯޑް ޑިކްޝަނަރީ އަށް

އިންޑިއާގައި އާއްމުކޮށް ވާހަކަ ދައްކާ ބައެއް ބަސްބަހުގެ ބައެއް ލަފްޒުތައް އިނގިރޭސި ބަހުގެ ޑިކްޝަނަރީގައި މީގެ ކުރިން ވެސް ވަނީ ހިމަނައިފަ އެވެ. މިފަހަރު އަލަށް ހިމެނި ބަސްތަކުގެ ތެރޭގައި "ދާދާގިރީ" ވެސް ވަނީ ހިމެނިފަ އެވެ. އެއީ ނިކަމެތިންނަށް ބިރު ދެއްކުމަށް ބާރުގެ ބޭނުންކުރާ މީހުންނަށް ބޭނުންކުރާ ބަހެކެވެ.

ތެލުގޫ، ތަމަޅަ، އުރްދޫ، ހިންދީ އަދި ގުޖްރާތީ ބަހުގެ 70 ވަރަކަށް ލަފުޒު އެންމެ ފަހުގެ ޑިކްޝަނަރީގައި ވަނީ ހިމަނާފަ އެވެ.

މި ބަސްތަކުގެ ތެރޭގައި، މީހުން ލޯބިން ކިޔާ ބައެއް ނަންތައް ހިމެނެ އެވެ. އައްބާ (ބައްޕަ)، އަންނާ (ދޮށީ ބޭބެ)، ފަދަ ނަންތައް ހިމެނެ އެވެ. އަދި ކާއެއްޗިއްސަށް ކިޔާ ބައެއް ނަންތައް ވެސް ހިމަނާފައިވެ އެވެ. އެ ލިސްޓުގައި ގުލާބް ޖާމުން އާއި ވަޅާ ހިމެނެ އެވެ.

އިންޑިއާ މީހުން ވާހަކަ ދައްކާއިރު އާންމުކޮށް ބޭނުންކުރާ ޖަގާޑް، ދާދާގިރީ، އައްޗާ، ބާޕޫ، ފަންޑާ، މިރްޗް މަސާލާ، ކީމާ، ޗަމްޗާ އަދި ސޫރްޔަ ނަމަސްކާރް ފަދަ ބަސްތައް ވެސް އެންމެ ފަހުން ވަނީ ޑިކްޝަނަރީއަށް ލައިފަ އެވެ. އަދި އިންޑިއާގައި ވަރަށް އާންމުކޮށް ކިޔާ ޓައިމްޕާސް، ނާޓަކް އަދި ޗުޕް ވެސް އާ ލިސްޓުގައި ހިމެނެ އެވެ.

ސެޕްޓެމްބަރު 2017 ގައި އޮކްސްފޯޑް ޑިކްޝަނަރީ އަޕްޑޭޓް ކޮށްފައި ވާއިރު މިހާރު ވެސް 900 އަށް ވުރެ ގިނަ އިންޑިއަން އިންގްލިޝް ބަސްތައް ޑިކްޝަނަރީގައިވެ އެވެ.

މި ބަސްތައް ހިމެނި ސަބަބު ބަޔާން ކުރަމުން އޮކްސްފޯޑް އިންގްލިޝް ޑިކްޝަނަރީގެ ވޯލްޑް އިންގްލިޝް އެޑިޓަރު ޑަނިކާ ސަލާޒާ ބުނެފައިވާ ގޮތުގައި އިނގިރޭސިން ވަކި ޚާއްސަ ނަމެއް ނުކިޔާ ވަރަށް ގިނަ ބަސްތައް ވަރަށް މާނަ ފުން ގޮތަކަށް އިންޑިއާގައި އާއިލާގެ މީހުންނަށާއި އެނޫން ވެސް ބައެއް މީހުންނަށް އަދި ތަންތަނަށާއި ކަންކަަމަށް ބޭނުންކުރެ އެވެ.