ޖަލަށް ނުލައިފި ނަމަ ކެޓަލޯނިއާގެ ލީޑަރަށް އިންތިޚާބުގައި ވާދަކުރެވޭނެ
ޖަލަށް ނުލައިފި ނަމަ ކެޓަލޯނިއާގެ ލީޑަރަށް އިންތިޚާބުގައި ވާދަކުރެވޭނެ

މެޑްރިޑް (އޮކްޓޯބަރު 30) - ކެޓަލޯނިއާގައި ޑިސެމްބަރު މަހު ބާއްވާ އިންތިޚާބުގައި ރައީސްގެ މަގާމުން ދުރުކުރި ކާލްސް ޕުޖްޑެމޮން އަށް ވެސް ވާދަކުރެއްވޭނެ ކަމަށާއި އެކަމަކު އެއީ އެހާތަނަށްވާ އިރަށް އޭނާ ޖަލަށް ނުލައިފި ނަމަ ކަމަށް ސްޕޭނުގެ ޚާރިޖީ ވަޒީރު އަލްފޮންސޯ ޑަސްޓިސް ވިދާޅުވެއްޖެ އެވެ.

ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގައި ބޭއްވި އެތައް ހާސް މީހުންގެ ބޮޑު އެއްވުމުގައި ޑަސްޓިސް ވިދާޅުވީ ކެޓަލޯނިއާގެ މިނިވަންކަން ސްޕޭނުން ނިގުޅައިގަތީ ނޫން ކަމަށާއި އެކަމަކު އަލުން މިނިވަންކަން ގާއިމް ކުރަނީ ކަމަށެވެ.

ކެޓަލޯނިއާގެ ރައީސްގެ މަގާމުން ޕުޖްޑެމޮން ވަކިކުރީ މިނިވަންކަން އިއުލާން ކުރުމާ ގުޅިގެންނެވެ. އަދި ސްޕޭން ސަރުކާރުން މިހާރު ވަނީ ކެޓަލޯނިއާގެ ހުރިހާ މުއައްސަސާތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ.

ސްޕޭނުގެ ޗީފް ޕްރޮސެކިއުޓަރު މިހާރު ދަނީ ޕުޖްޑެމޮން އާއި ކެޓަލޯނިއާގެ އެހެން އިސް ލީޑަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ތައްޔާރުވަމުންނެވެ. އަދި އެ މަސައްކަތް މިއަދު ފަށާނެ ކަމަށް ބެލެވެ އެވެ. ޕުޖްޑެމޮން ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރުން ގަބޫލް ނުކުރައްވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕުޖްޑެމޮން ހައްޔަރުކޮށްފި ނަމަ ކެޓަލޯނިއާގައި އިތުރު ހަމަނުޖެހުންތައް ހިނގަން ފަށާނެ އެވެ.

އަނެއްކޮޅުން ސްޕޭނުގެ ދާޚިލީ ވަޒީރު ހުއާން އަގްނާޒިއޯ ޒޮއިޑޯ ވަނީ ކެޓަލޯނިއާ ފުލުހުންގެ ހުރިހާ އޮފިސަރުން ވަފާތެރިކަން މަތީ ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ކެޓަލޯނިއާގެ ފުލުހުން މިހާރު ތިބީ ސްޕޭނުގެ މައި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށާއި މެޑްރިޑުން އޮންނަ އަމުރަށް ކިޔަމަން ވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ސަރުކާރުގެ އިދާރާތަކުގައި ހުރި ޕުޖްޑެމޮންގެ ފޮޓޯތައް ނަގަން ވަނީ އަންގައިފަ އެވެ.

ބައެއް އޮފިޝަލުން ބުނާ ގޮތުގައި ޕުޖްޑެމޮން މިހާރު މަސައްކަތް ކުރައްވަނީ ކެޓަލޯނިއާ ދޫކުރައްވާ ވަޑައިގަތުމަށެވެ. ބެލްޖިއަމުން ވަނީ ޕުޖްޑެމޮން އަށް ހިމާޔަތް ދޭނެ ކަމަށް ބުނެފަ އެވެ.