30 އޮކްޓޯބަރ 2017 - 11:02

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކުޑަތަންވަމުން އަންނަ އިރު އިދިކޮޅު ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި ކަމަށާއި އެ ބޭފުޅުން ވާދަކުރައްވަން ފުރުސަތު ނުދީ ބާއްވާ އިންތިހާބު މިނިވަން ނުވާނެ ކަމަށް ބުނެ އެމްޑީޕީން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދެއް ރާއްޖެ އައި ދަނޑިވަޅާ ދިމާކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ 2018ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެއްވުމުގެ ފުރުސަތު ދީ، މިނިވަންކަމާ އެކު އިންތިހާބު ބާއްވަން ސަރުކާރުގެ ވިސްނުން ނެތް ކަމަށެވެ. ސަރުކާރުގެ މިސްރާބު ހުރީ އިދިކޮޅު ޕާޓީތަކަށް އިންތިހާބުގައި ފުރުސަތު ނުދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެކި ހުކުމްތަކުގައި ތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެމްޑީޕީން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ފުރުސަތު ޕާޓީތަކަށް ދޭން ޖެހޭ ކަަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވެން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލާފައި ވަނީ ސިޔާސީ ޝަރީއަތަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލްކުރާ 21 މެމްބަރަކަށް އެކި ދައުވާތައްކޮށް، ޝަރީއަތް ހިނގަމުންދާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީން ގޮވާލީ އެކި ހުކުމްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން މިނިވަންކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށެވެ.