30 އޮކްޓޯބަރ 2017 - 09:54

ރިޔާޒް (އޮކްޓޯބަރު 30) - ކުޅިވަރު އިވެންޓްތައް ބަލަން އަންހެނުން ފުރަތަމަ ފަހަރަށް ސްޓޭޑިއަމްތަކަށް ވަދެވޭ ގޮތް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ސައުދީ އޮފިޝަލުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ބޮޑު ތިން ސިޓީ ކަމަށްވާ ރިޔާޒް، ޖިއްދާ އަދި ދައްމާމުގައި ކުޅިބަލަން އަންހެނުންނަށް ވެސް ސްޓޭޑިއަމްތަކަށް ވަދެވޭނެ ކަމަށެވެ.
މިއީ މީގެ ކުރިން އަންހެނުންނަށް ބައެއް ކަންކަން ކުރަން ހުރަސްތައް އަޅާފައިވާ ސައުދީގައި އަންހެނުންނަށް ދިން އިތުރު ލުޔެކެވެ. އަންހެނުންނަށް ކާރު ދުއްވުން މަނާ ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ހުއްދަ ދޭން މިހާރު ވަނީ ނިންމައިފަ އެވެ. މި ހުރިހާ ބަދަލުތަކެއް ގެނައުމުގެ ފަހަތުގައި ހުންނެވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.
ސައުދީ އަރަބިއާގެ ސްޕޯޓްސް އޮތޯރިޓީން ބުނީ އަންހެނުންނަށް އާއިލާއާ އެކު ކުޅިބަލަން ވަދެވޭނެ އިންތިޒާމް ތިން ސިޓީގެ ސްޓޭޑިއަމްތަކުގައި ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަންނަ އަހަރަށްވާ އިރަށް އެކަން ނިމޭނެ ކަމަށެވެ. ސްޓޭޑިއަމްގައި އަންހެނުންނަށް ވެސް ވަދެވޭ ގޮތަށް ރެސްޓޯރެންޓް ކެފޭތަކަށް ބަދަލު ގެނެސް މޮނިޓާ ކުރަން ސްކްރީން ހަރުކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ސްޓޭޑިއަމްތަކުގައި ޖާގަ އޮންނަނީ ފިރިހެނުންނަށް އެކަންޏެވެ.
ސައުދީ އަރަބިއާ އަށް މި ބަދަލުތައް ގެންނަނީ އުމުރުފުޅުން 32 އަހަރުގެ މުހައްމަދުގެ އިގްތިސާދީ ތަސައްވަރު، ވިޝަން 2030 ގެ ދަށުންނެވެ. ސަައުދީގައި ސިނަމާތައް ހުޅުވާ ކޮންސެޓްތައް ބޭއްވުމަށް ވެސް މިހާރު ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. ސައުދީގެ ސިނާއީ ސިޓީގައި މި އަހަރުގެ ފަހުކޮޅު ބޮޑު މިއުޒިކް ފެސްޓިވަލެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ވެރިރަށް ރިޔާޒުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަ ދައްކަވަމުން މިދިޔަ ބުދަ ދުވަހު މުހައްމަދު ވަނީ އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަައް ސައުދީ އަށް އަލުން ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ 70 ޕަސެންޓަކީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާ އިރު ޒުވާނުންނަށް ފަހި މާހައުލެއް ގާއިމް ކުރަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ސައުދީ އަށް ގެންނަ ބަދަލުތަކަށް އެ ގައުމުގެ ކޮންޒަވެޓިވުން ދަނީ ފާޑު ކިޔަމުންނެވެ. ސައުދީގައި މިދިޔަ މަހު ފާހަގަކުރި ގައުމީ ދުވަހުގެ ހަރަކާތްތައް ބަލަން ރިޔާޒުގެ ކިންގް ފަހުދު ސްޓޭޑިއަމަށް އަންހެނުން ވެއްދުމުން ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.