30 އޮކްޓޯބަރ 2017 - 09:06

ނޭޕްލްސް (އޮކްޓޯބަރު 30) – ސަސުއޮލޯ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ނަޕޯލީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ނަޕޯލީ 10 މެޗުން މޮޅުވެފައިވާއިރު އަދި ބައްޔެއް ނުވެ އެވެ. އެ ޓީމު 31 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.
ތިން ވަނައިގައި 28 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ލާޒިއޯ އެވެ. އެ ޓީމު ވަނީ ރޭ ބެނެވެންޓޯ އަތުން 5-1 އިން މޮޅުވެފަ އެވެ. އިންޓަ އޮތީ 26 ޕޮއިިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެކަމަކު މިރޭ ވެރޯނާ އަތުން މޮޅުވެގެން އިންޓަ އަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
އަމިއްލަ ދަނޑުގައި ރޭ ނަޕޯލީ ކުޅުނު މެޗުގެެ 22 ވަނަ މިނެޓުގައި އެލަން ވަނީ ލީޑު ހޯދައިދީފަ އެވެ. އޭގެ ފަހުން ޑިއެގޯ ފަލްސިނެއްޔީ ވަނީ ސަސުއޮލޯ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޯސޭ ކަލެޔޮން ވަނީ ނަޕޯލީ އަށް އަލުން ލީޑު ނަގައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ނަޕޯލީ އަށް ތަފާތު ބޮޑުކޮށްދިނީ ޑްރިއެސް މާޓިންސް އެވެ.
ނަޕޯލީ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ ޓީމު ސިޓީގެ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ސިޓީ އެވެ.