ޖިރޯނާ އަތުން ބަލިވެ މެޑްރިޑަށް ލަދުވެތި ނަތީޖާއެއް
ޖިރޯނާ އަތުން ބަލިވެ މެޑްރިޑަށް ލަދުވެތި ނަތީޖާއެއް

ޖިރޯނާ (އޮކްޓޯބަރު 30) – ސްޕެނިޝް ލީގުގައި މުޅިން އަލަށް ވާދަކުރާ ޖިރޯނާ އަތުން 2-1 އިން ބަލިވެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު މެޑްރިޑާއި އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެއް ވަނައިގައި 28 ޕޮއިންޓާ އެކު ބާސެލޯނާ އޮތްއިރު މެޑްރިޑް އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.

މިދިޔަ ދެ ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި މެޑްރިޑް މި ސީޒަނުގައި އަދި ފޯމަކަށް ނޭޅެ އެވެ. ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އަނެއްކޮޅުން ވާދަވެރި ބާސެލޯނާ އަދި ބައްޔެއް ނުވެ އެވެ.

ސްޕެއިނުން ވަކިވެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކެޓަލޯނިއާ އަށް ނިސްބަތްވާ ޖިރޯނާ އަކީ މެޑްރިޑާ ބަލާއިރު ވަރަށް އާދައިގެ ޓީމެކެވެ. މެޑްރިޑުން މިހާތަނަށް މަތީ ފެންވަރުގެ 85 ތަށި ހޯދާފައިވާއިރު ޖިރޯނާ އަށް އަދި ދުވަހަކު ވެސް ތަށްޓެއް ނުލިބެ އެވެ. މެޑްރިޑުގެ ސްކޮޑުގެ ޖުމްލަ އަގު 657 މިލިއަން ޕައުންޑަށް އަރާއިރު ޖިރޯނާގެ ސްކޮޑުގެ އަގަކީ 37 މިލިއަން ޕައުންޑެވެ. ރޭ މެޑްރިޑް ބަލިކުރި ޖިރޯނާގެ ޓީމުގައި ގިނައީ ލޯން އުސޫލުން ގެނެސްފައިވާ ކުޅުންތެރިންނާއި ހިލޭ ޓްރާންސްފާގައި ގެނެސްފައިވާ ކުޅުންތެރިންނެވެ.

ޖިރޯނާގެ 13،500 މީހުންގެ ޖާގައިގެ ސްޓޭޑިއަމުގައި ހޯދި މި މޮޅަކީ، 1930 ވަނަ އަހަރު އުފެދުނު މި ކްލަބުގެ ތާރީހުގައި ވެސް އެންމެ ބޮޑު މޮޅު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި އިސްކޯ ޖެހި ލަނޑާ އެކު މެޑްރިޑަށް ލީޑު ލިބުމުން އެ ޓީމު ތަފާތު ބޮޑު މޮޅެއް ހޯދާނެ ކަމަށް ބެލެވުނެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައި ރިކާޑޯ ސްޓުއަނީ ވަނީ ޖިރޯނާ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމަށް ލީޑު ހޯދައިދިނީ ޕޯޓޫ އެވެ.