30 އޮކްޓޯބަރ 2017 - 06:25

މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާގެ ނިއު ދިއްލީގެ އުތުރުގެ ހިސާބަކުން ފިރިމީހާ އާއި ދަރިފުޅާއެކު ކާރެއްގައި ދަތުރުކުރަނިކޮށް ޕްރިޔާ މެހެރާ ނަމަކަށް ކިޔާ އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ. އޭނާގެ ފިރިމީހާ ޕަންކަޖް ފުލުހުން ގާތު ފުރަތަމަ ބުނި ގޮތުގައި އެ ދެމަފިރިން ކާރުގައި ދަތުރުކުރަނިކޮށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކު އެވެ. އަދި އެ މީހުން އުޅުނީ އޭނާ ޕަންކަޖް މަރާލަން ކަމަށާއި ނަމަވެސް ވަޒަންތައް ޕްރިޔާގެ ގަޔަށް އެރީ ކަމަށް ބުންޏެވެ.
ރެސްޓޯރެންޓަކާއި ކެފޭއެއް ހިންގާ ޕަންކަޖް ބުނި ގޮތުގައި ޕްރިޔާ ގަޔަށް ބަޑި ޖެހީ އޭނާ ދަރަންޏަށް ފަސް ލައްކަ ރުޕީސް ނަގާފައި އެ ނުދައްކައިގެން ކަމަށެވެ. އަދި ފައިސާ ނުދެއްކިގެން އުޅެނީ ދަރަނި ދިން މީހުން މިހާރު 40 ލައްކަ ރުޕީސް ދޭން ޑިމާންޑް ކުރާތީ ކަމަށް ވެސް ޕަންކަޖް ބުންޏެވެ.
ނަމަވެސް ކުއްލިއަކަށް މިދިޔަ ބުރާސްފަތި ދުވަހު ޕަންކަޖްގެ ވާހަކަ މުޅިން ބަދަލުކޮށް ޕްރިޔާ މަރާލީ އޭނާ ކަމަށް ވަނީ އަމިއްލައަށް އިއުތިރާފު ވެފަ އެވެ. ފުލުހުން ބުނީ އެ މީހުން ހަރުކަށިކަން ދައްކާލުމުން ޕަންކަޖް އެގޮތަށް އިއުތިރާފުވީ ކަމަށެވެ.
ޕްރިޔާ އަކީ ޕަންކަޖްގެ ދެ ވަނަ އަންބެވެ. ޕްރިޔާ އާއި ޕަންކަޖް ކައިވެނި ކުރީ އައިޝާ ނަމަކަށް ކިޔާ މީހަކާ ކައިވެނި ކޮށްގެން އުޅުމަށް ފަހު އޭނާ ވަރިކޮށްފަ އެވެ. ނަމަވެސް އެކަމެއް ޕްރިޔާ އަކަށް ނާންގަ އެވެ. އޭނާއަށް އެކަން އެނގުނު ހިސާބުން މި ދެމަފިރިންގެ މެދުގައި ވަރަށް ގަދަޔަށް ޒުވާބުތައް ހިނގަ އެވެ. އެ މީހުން ވަކިން އުޅޭތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް ޕްރިޔާގެ މައިންބަފައިން ބުންޏެވެ.
ޕަންކަޖް ފަހުން ބޭނުންވީ ފުރަތަމަ އަނބިމީހާގެ ކައިރިއަށް އެނބުރި ދާށެވެ. ނަމަވެސް ޕްރިޔާ އިންދާ އެކަން ކުރެވޭކަށް ނެތެވެ. އެހެންވެ ދަރަންޏަށް ފައިސާ ނެގި މީހާއަށް ވެސް ލަނޑު ދިނުމުގެ ގޮތުން ޕްރިޔާގެ މަރުގެ އިލްޒާމް އެމީހާގެ ބޮލުގައި އަޅުވާފައި ދަރަނިންނާއި އަނބިމީހާގެ ކިބައިން ސަލާމަތްވާން ޕަންކަޖް ރޭވީ އެވެ.
ނަމަވެސް އެންމެ ފުރަތަމަ ވެސް ފުލުހުންނަށް ޕަންކަޖްއާ ދޭތެރޭ ޝައްކުވި އެވެ. ސަބަބަކީ ކާރު ތެރެއަށް އެހާ ގިނައިން ބަޑި ޖެހިއިރު ވެސް ޕަންކަޖަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާތީ އެވެ.