ޝާހިދަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް: ރަންވީރު
ޝާހިދަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް: ރަންވީރު

ޝާހިދު ކަޕޫރަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށް ރަންވީރު ސިންގް ބުނެފި އެވެ. ޝާހިދާއި ރަންވީރު ވަނީ މިހާރު ރިލީޒްކުރަން ތައްޔާރުވަމުންދާ "ޕަދްމާވަތީ" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

އިންޑިޔއާގެ ފިލްމީ މަޖައްލާއަކަށް ރަންވީރު ދިން އިންޓަވިއުއެއްގައި ވަނީ ޝާހިދަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ޝާހިދަކީ އޭނާގެ ޓީމަށް އިތުރުވި ވަރަށް ބަރާބަރު މެމްބަރެއް ކަމަށެވެ. އަދި އޭނާ ކަހަލަ ވަރުގަދަ އެކްޓަރަކާ އެކު މަސައްކަތް ކުރަން ލިބުނީތީ ކުރެވެނީ ވަރަށް ރަނގަޅު އިހްސާސްތަކެއް ކަމަށެވެ.

"އަހަރެމެން ސެޓްގައި ހޭދަކުރި ވަގުތުތަކަކީ ވަރަށް ރަނގަޅު އެހާމެ ގުޅިގެން ހޭދަކުރި ވަގުތުތަކެއް. ފިލްމުގެ ކޮންމެ ޝޮޓަކީ ވެސް ކޮންމެ މީހަކު ވެސް ކުރީ ފަހަރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ޝޮޓެއް. ކޮންމެ ޝޮޓެއްގެ ސެޓަޕަށް ހަތަރު ވަރަކަށް ގަޑިއިރު ނަގާ. އެ ހަތަރު ގަޑިއިރުގެ ތެރޭގައި އަހަރެމެން އެ މަންޒަރަކަށް ބޭނުންވާ ޑައިލޯގް ދަސްކޮށް އަދި ހަރަކާތްތައް ބަހައްޓާނެ ގޮތާ އެއްޗެހި ވެސް ނިންމަނީ ޚިޔާލު ބަދަލުކޮށްގެން. އެހެންވެ ޝޫޓިން މަރުހަލާގައި އެންމެން ވެސް އުޅެން ޖެހުނީ ވަރަށް ބޮޑަށް އެކަމުގެ ތެރޭގައި ޝާމިލުވެގެން،" ރަންވީރު ބުންޏެވެ.

ރަންވީރު ބުނިގޮތުގައި ޝާހިދު ކަހަލަ މީހަކާ އެކުވެރިކަން އޮތުމަކީ އޭނާ ވަރަށް ހިތްހަމަޖެހުނު ކަމެކެވެ.

"ސަންޖޭ (ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ) އާއި ޝާހިދާއި އަހަރެން އަބަދު ތިބެނީ ހީނ ހީނ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރިޔަސް ހޭން ހަނދާނެއް ނުނެތޭ،" ރަންވީރު ކިޔައިދިނެވެ.

"ޕަދްމާވަތީ"ގައި ރަންވީރު ކުޅެނީ ނުލަފާ އަނިޔާވެރި ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

މި ރޯލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަންވީރު ބުނީ މިއީ ކުޅެން އިންތިހާއަށް އުނދަގޫ ރޯލެއް ކަމަށެވެ.

ޝާހިދު މި ފިލްމުގައި ކުޅެނީ މަހާ ރާވަލް ރަތަން ސިންގްގެ ރޯލެވެ. ޝާހިދު ބުނި ގޮތުގައި ގިނަ އެކްޓަރުންގެ ކެރިއަރުގައި މީހުން އެ އެކްޓަރެއްގެ މަތިން އެންމެ ހަނދާން ހުންނަނީ އޭނާ ކުޅެފައިވާ ލޯބީގެ ރޯލުތަކުންނެވެ. މި ފިލްމަކީ ގިނަ ޒަމާންތަކަކަށް ޝާހިދުގެ މަތިން ވެސް މީހުން ހަނދާންކުރާ ކަހަލަ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ދީޕިކާ ޕަދުކޯން ބަތަލާގެ ރޯލު ކުޅެފައިވާ "ޕަދްމާވަތީ" ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.