29 އޮކްޓޯބަރ 2017 - 14:13

އަމިއްލަ ދެ ސަފާރީން އެކަނި ވެސް މަހެއްގެ މައްޗަށް 800،000 އަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށާއި މިހާރު ބައްލަވައިގަތް ގޯއްޗަށް ވުރެ މާ ބޮޑު ގޯއްޗެއް އަންނަ އަހަރު ބައްލަވައިގަންނަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަލާހު ވަނީ މާލެ އިން 1،000 އަކަފޫޓުގެ ގޯއްޗެއް، ހަތަރު މިލިއަން ރުފިޔާ އަށް ބައްލަވައިގެންފަ އެވެ. މ. އަލްހަދީދު ނަމަކަށް ކިޔާ އެ ގޯއްޗާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ގޯތި ގަތުމަށް ފަލާހު ކުރެއްވި ވިޔަފާރި ސައްހަ ކަމަށާއި ގޯތީގެ އަގަށްވާ ފައިސާ، އޭނާ ދައްކަވައި ހަލާސްކޮށްފައިވާތީ އެތަން އޭނާ އަށް މިލްކުވެފައިވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންއާ އެންމެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަލާހު މި ބައްލަވައިގަތް ގޯއްޗާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދަނީ އޭނާ އަށް އެކި ތުހުމަތުތައް ކުރަމުންނެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި ފަލާހު "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން ވެސް އަދި މިހާރު ވެސް އޭނާ ގެންގުޅުއްވަނީ ހަލާލު މަސައްކަތުން ހޯއްދަވާ ފައިސާ ކަމަށެވެ. އެ ފައިސާ އިން ގޯއްޗެއް ބައްލަވައިގަތުމަކީ ކުށެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގޯއްޗެއް ގަތީމަ ހައިރާންވެގެން އުޅޭނީ އަޅުގަނޑު ނުދަންނަ މީހުން. މެމްބަރަކަށްވުމުގެ މާ ކުރިން ވެސް އަޅުގަނޑަކީ އަމިއްލަ ވިޔަފާރި ކުރާ މީހެއް. އަޅުގަނޑުގެ އަމިއްލަ މަސައްކަތުން އުފެއްދި ދެ އުޅަނދުން މިހާރު ވެސް ފައިދާގެ ގޮތުގައި މަހަކު 800،000ރ. ލިބޭ. އެހެންވީމަ ހިސާބު ހައްދަވާ، އަޅުގަނޑަށް ގޯތި ގަތް ގޮތާ މެދު،" ފަލާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ސަފާރީން ސާފު ފައިދާގެ ގޮތުގައި މަހެއްގެ މައްޗަށް 35،000 ޑޮލަރު (539،700ރ.) ލިބޭ އިރު، އަނެއް ސަފާރީން 22،000 ޑޮލަރު (339،240ރ.) ލިބިވަޑައިގަންނަވަ އެވެ.
"އަދި މިއަށް ވުރެ ބޮޑު ގޯއްޗެއް އަންނަ އަހަރު އަޅުގަނޑު ގަންނާނަން،" ފަލާހް ވިދާޅުވި އެވެ.
ފަލާހު ގޯތި ބައްލަވައިގަތުމުން އެކަމަށް އިޝާރާތް ކުރައްވައި، މާލެ އިން 1،000 އަކަފޫޓުގެ ގޯއްޗެއް ހަތަރު މިލިއަން ރުފިޔާ އަށް ނުލިބޭނެ ކަމަށް ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ.
އެއަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އޭނާ ގޯތި ބައްލަވައިގަންނަވަން ޖެހޭ އަގު އެނގިވަޑައިގަންނަވާނީ ސުއޫދަށް ނޫން ކަމަށެވެ. އެ މުއާމަލާތަކީ ސުއޫދާ ބެހޭ ކަމެއް ނޫން ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.
އޭނާ ހިންގެވި މި މުއާމަލާތާ ގުޅޭ އެއްވެސް މައްސަލައެއް އޮތް ނަމަ އެކަން ބެލުމަށް ފަލާހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.