30 އޮކްޓޯބަރ 2017 - 06:44

އެކްޓަރު-ޕްރޮޑިއުސަރު އާމިރު ޚާން ބުނާ ގޮތުގައި އޭނާގެ އެންމެ ފަހުގެ ފިލްމު "ސީކްރެޓް ސުޕަސްޓާ" ވަނީ ސުޕަ ހިޓަކަށް ވެފަ އެވެ. އަދި މިހާރު އެ ފިލްމު ޗައިނާގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އާމިރު ބުންޏެވެ.
"ކުރިޔަށް އޮތް މަހެއް ދެ މަހެއް ދުވަހުގެ ތެރޭގައި ޗައިނާގައި ފިލްމު އަޅުވަން ބޭނުންވާ ތައްޔާރީތައް މިހާރު ކުރަމުން މި ގެންދަނީ،" އާމިރު ބުންޏެވެ.
އާމިރަކީ ޗައިނާގައި ވަރަށް މަޝްހޫރު އެކްޓަރެކެވެ. އޭނާގެ "ދަންގަލް" އާއި "ޕީކޭ" އެ ގައުމުގައި ރިލީޒްކުރުމުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
އާމިރު މި ވާހަކަތައް ދައްކާފައި ވަނީ "ސީކްރެޓް ސުޕަސްޓާ"ގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޕާޓީއެއްގަ އެވެ.
އާމިރު ބުނި ގޮތުގައި އުންމީދުކުރި ވަރަށް ވުރެ ވެސް "ސީކްރެޓް ސުޕަސްޓާ"އަށް ލިބުނު ތަރުހީބު ބޮޑެވެ.
"ސީކްރެޓް ސުޕަސްޓާ" އަކީ ކަޝްމީރުގެ ފުރާވަރުގެ އަންހެންކުއްޖެއް ކަމަށްވާ އިންސިއާ ލަވަކިޔުންތެރިޔަކަށް ވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތެވެ. އަމިއްލަ ޝަހްސް ފޮރުވައިގެން އޭނާ ކާމިޔާބީ ހޯދާ ގޮތެވެ.
ފަނަރަ ކްރޯޑު (1.5 ބިލިއަން ރުޕީސް) ބަޖެޓަކުން އުފެއްދި މިފިލްމަށް މިހާތަނަށް 41.49 ކްރޯޑު (ހަތަރު ބިލިއަން ރުޕީސް) ލިބިފައި ވެއެވެ.
"ސީކްރެޓް ސުޕަސްޓާ" އާ އެއް ދުވަހެއްގައި ރިލިޒްކުރި "ގޯލްމާލް އެގެއިން" އަށް ބޮޑު ކާމިޔާބެއް ލިބުނީތީ ވެސް އާމިރު ހުރީ ވަރަށް އުފަލުންނެވެ.
"ދިވާލީ އަކީ ފިލްމު އިންޑަސްޓްރީއަށް އަބަދުވެސް ވަރަށް ފަހި ދުވަސްވަރެއް. ފާއިތުވީ ދެ ތިން ހަފުތާ ތެރޭ "ސީކްރެޓް ސުޕަސްޓާ" އާއި "ގޯލްމާލް އެގެއިން" އަދި "ޖުޅްވާ 2" ވަނީ ސުޕަހިޓް ވެފައި. އަހަންނަށް ހީވަނީ ފިލްމު އިންޑަސްޓްރީއަށް އަނެއްކާވެސް ބަހާރު މޫސުން އަތުވެއްޖެހެން،" އާމިރު ބުންޏެވެ.
އަދި މި ބަހާރު މޫސުން "ޕަދްމާވަތީ" އާއި "ޓައިގާ ޒިންދާ ހޭ" ރިލިޒްކުރުމާ ހަމައަށް ވެސް ކުރިޔަށް ދާނެ ކަމަށް އާމިރު އުންމީދު ކުރެ އެވެ.
ނަމަވެސް އާމިރު ގަބޫލުކުރާ ގޮތުގައި ބޮކްސް އޮފީހުގައި ފިލްމަށް ލިބޭ ފައިސާގެ އަދަދަކީ ހަގީގަތުގައި ފިލްމުގެ ކާމިޔާބީ މިނޭނެ މިންގަނޑެއް ނޫނެވެ.
"ބޮކްސް އޮފީހުގައި ލިބޭ ފައިސާގެ އަދަދަކީ ވެސް ކާމިޔާބުގެ ބައެއް. އެގޮތަށް ބަލާނަމަ އަހަރެމެންގެ ފިލްމަށް ބަޖެޓަށް ވުރެ ދެ ގުނައަށް ވުރެ ގިނައިން ލިބިއްޖެ. އާއްމު ގޮތެއްގައި ފިލްމަށް ކުރި ޚަރަދު ލިބޭ ފިލްމުތައް ބަލަނީ ހިޓެއްގެ ގޮތުގައި. އެގޮތަށް ބަލާނަމަ އަހަރެމެންގެ ފިލްމު މިވަނީ ސުޕަހިޓް ވެފައި،" އާމިރު ބުންޏެވެ.
އާމިރު މިހާރު ކުޅެނީ "ތަގްސް އޮފް ހިންދުސްތާން" އެވެ.