ގާޒާ އަށް ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި
ގާޒާ އަށް ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި

އިސްތަންބޫލް (ޖުލައި 4) - ފަލަސްތީނުގެ ގާޒާ ސްޓްރިޕްގެ ރައްޔިތުންނަށް އިންސާނީ އެހީގެ ގޮތުގައި ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި އެވެ.

ގާޒާ އަށް ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި
ގާޒާ އަށް ތުރުކީން 11،000 ޓަނުގެ އެހީ ފޮނުވައިފި

މިއީ 2010 ވަނަ އަހަރުގެ ފަހުން ގާޒާ އަށް ތުރުކީން ފޮނުވި އެހީގެ ފުރަތަމަ ޝިޕްމަންޓެވެ. އެ ފަހަރު ވަނީ ތުރުކީން އެހީ ހިފައިގެން ދިޔަ ބޯޓުތަކަށް އިޒްރޭލުގެ ކޮމާންޑޯ އިން ހަމަލާދީ ތުރުކީގެ 10 މީހުން މަރާލައިފަ އެވެ. އެ ހާދިސާ އަށް ފަހު އިޒްރޭލާއި ތުރުކީއާ ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހުނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ދެ ގައުމުން އަނެއްކާވެސް ގުޅުން ރަނގަޅުކޮށް އަންގާރަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ގާޒާ އަށް ތުރުކީން އެހީ ފޯރުކޮށް ދިނުމުގައި އިޒްރޭލުން އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. ދެ ގައުމުން ވަރަށް އަވަހަށް ސަފީރުން އައްޔަން ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ލޭޑީ ލޭލާ ބޯޓުން ގާޒާ އަށް ގެންދާ ކާބޯތަކެއްޗާއި ކާނާ އާއި ކުޑަކުދިން ކުޅޭ ސާމާނު ފިތުރު އީދަށްވާ އިރަށް ގާޒާ އަށް ލިބޭނެ ކަމަށްވެ އެވެ. އެހީގެ ޝިޕްމަންޓްތައް އިޒްރޭލަށް ބޭލުމަށް ފަހު ގާޒާ އަށް ގެންދާނީ އެއްގަމު މަގުންނެވެ.

އިޒްރޭލުގެ ތަރުޖަމާން އޯރެން ރޮސެންބްލާޓް ވިދާޅުވީ މިއީ މީގެ ހަތަރު ދުވަސް ކުރިން ސޮއިކުރި އެއްބަސްވުން ވަގުތުން ތަންފީޒު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އީދުގެ ކުރިން ގާޒާގެ ރައްޔިތުންނަށް އެހީ ލިބޭތޯ އިޒްރޭލުން ވެސް ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވީ ބަދަލެއްގެ ގޮތުން ތުރުކީ އަށް 20 މިލިއަން ޑޮލަރު ދިނުމަށް ވެސް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ދެ ގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން މެދުއިރު މައްޗަށް ހަމަޖެހުން އަންނާނެ ކަމަށެވެ.