29 އޮކްޓޯބަރ 2017 - 13:06

ސޯލް (އޮކްޓޯބަރު 29) - ނޯތު ކޮރެއާ އިން ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގެ ބިރު ދުވަހެއް ދުވަހެއް ދަނީ ބޮޑު ވަމުން ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވެއްޖެ އެވެ.
ސައުތު ކޮރެއާގައި ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވީ ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމަށެވެ.
އަނެއްކޮޅުން ނޯތު ކޮރެއާ އިން ހިފެހެއްޓި ސައުތު ކޮރެއާގެ މަސްބޯޓެއް ވަނީ ދޫކޮށްލައިފަ އެވެ. ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެއީ އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާޚިލާފަށް ވަދެ އުޅުނު ބޯޓެއް ކަމަށެވެ. ނޯތު ކޮރެއާގެ ބޯޓުގައި 10 ފަޅުވެރިން ތިއްބެވެ.
"އަވަށްޓެރިންނާއި ދުނިޔެ އަށް ނޯތު ކޮރެއާ އިން ދައްކާ ބިރުތައް ދަނީ ހައްތާ އިތުރުވަމުން،" އޭޕީ ނިއުސް އެޖެންސީ އަށް މަޓިސް ވިދާޅުވި އެވެ.
ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓަރު ސޮން ޔަންގް-މޫއާ އެކު ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވީ ނިއުކްލިއާ ނޯތު ކޮރެއާއެއް އެމެރިކާ އިން ގަބޫލް ނުކުރާނެ ކަމަށެވެ.
މަޓިސް ސައުތު ކޮރެއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ އޮފިޝަލުންނާ އެކު ދިފާއީ މަޝްވަރާތަކަށެވެ. އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންނަ މަހު ކުރީކޮޅު ސައުތު ކޮރެއާ އަށް ވަޑައިގަތުމަށް ހަމަޖެހިފަ އެވެ.
ނޯތު ކޮރެއާ އިން ސެޕްޓެމްބަރު މަހު ވަނީ ހަ ވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ. އެ ފަހަރު ނޯތު ކޮރެއާ އިން ޓެސްޓްކޮށްފައި ވަނީ 50-120 ޓަނުގެ ބޮމެއް ކަމަށްވެ އެވެ.