ޖަރުމަނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު: ޑިޝޯމްޕްސް
ޖަރުމަނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު: ޑިޝޯމްޕްސް

ޕެރިސް، ފްރާންސް (ޖުލައި 4) - ޖަރުމަނުގައި އޮތީ ދުނިޔޭގައި އެންމެ މޮޅު ފުޓްބޯޅަ ޓީމު ކަމަށް ޔޫރޯގެ ސެމީ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ފްރާންސް ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.

ފްރާންސް ވަނީ ރޭ 5-2 އިން އައިސްލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ޑިޝޯމްޕްސް ބުނީ ފައިނަލުން ޖާގަ ހޯދުމަށް ފްރާންސަށް ޖެހިފައިވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމު ބަލިކުރަން ކަމަށެވެ.

"ސެމީ ފައިނަލުގެ ޖާގައެއް ލިބުމުން ވަރަށް ހިތްހަމަ ޖެހިއްޖެ. އެކަމަކު ސެމީގައި ކުޅެން މި ޖެހެނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް. އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވިޔަސް ޖަރުމަނަކީ އެންމެ މޮޅު ޓީމު،" ޑިޝޯމްޕްސް ބުންޏެވެ.

ރޭގެ މެޗުގައި އައިސްލެންޑް ކޮޅަށް ފްރާންސްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އޮލިވިއޭ ޖިރޯ އެވެ. އަނެއް ތިން ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން އާއި ޑިމިޓްރީ ޕަޔެޓް އަދި ޕައުލް ޕޮގްބާ އެވެ.

ރޭގެ މެޗަށް ފަހު ޖިރޯ ބުނީ އެ ޓީމުން ނުކުންނާނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުން ޖަރުމަން އަތުން ބަލިވުމުގެ ބަދަލު ހިފަން ކަަށެވެ.

"މިއީ މުޅިން ތަފާތު މެޗެއް. ޖަރުމަނަކީ ވަރަށް ގިނަ މުބާރާތްތަކުގެ ސެމީގައި ކުޅެ ތަޖުރިބާ ހުރި ޓީމެއް. މިއީ ފައިނަލުގެ ކުރިން އަހަރެމެންނަށް ރަނގަޅު ޓެސްޓެއް. ފްރާންސް އޮތީ މިހާރު ވަރަށް ރަނގަޅު ފޯމެއްގައި،" ޖިރޯ ބުންޏެވެ.

ފްރާންސާއި ޖަރުމަނު ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.