29 އޮކްޓޯބަރ 2017 - 12:17

ކޮކްސް ބާޒާރު (އޮކްޓޯބަރު 29) - ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ރެފިއުޖީ ކޭމްޕެއްގައި ހިންގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝް މީހަކު ހަމަލާދީ ރޮހިންޖާ ޒުވާނަކު މަރާލައިފި އެވެ.
ފުުލުހުން ބުނީ ރޮހިންޖާ ރެފިއުޖީ އަށް ހަމަލާދިނީ އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.
"މި ހާދިސާތަކަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައި،" ކޮކްސް ބާޒާރު ޑިސްޓްރިކްޓުގެ ފުލުހުންގެ ނައިބް އަފްރުޒުލް ހައްގު ތޫތުލް ވިދާޅުވި އެވެ.
ޑިސްޓްރިކްޓް ސްޓޭޓް ޕްރޮސެކިއުޓާ މަމްތާޒް އަހުމަދު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކޮކްސް ބާޒާރު ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި ރޮހިންޖާ ރެފިއުޖީން ވަނީ ކޮކްސް ބާޒާރުގެ ފަގީރުން ކުރަމުން ދިޔަ މަސައްކަތްތަކަށް ވެރިވެގަނެފަ އެވެ. ކޮކްސް ބާޒާރުގެ ރެފިއުޖީ ޓައުން ކަމަށްވާ ޓެކްނާފް އާއި އުކިނިއާގައި ރޮހިންޖާ މީހުންގެ އަދަދު އިތުރުވެ ބަންގްލަދޭޝް މީހުންނާ ތަފާތު ހަމަނުޖެހުންތައް ވަނީ ހިންގަން ފަށައިފަ އެވެ.
މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިންގަން ފެށި ފަހުން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މީހުންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ.
ބައެއް މީހުން ޝަކުވާ ކުރާ ގޮތުގައި ރޮހިންޖާ މީހުންގެ އަދަދު އިތުރުވުމުން ކާބޯތަކެއްޗާއި ދަތުރުފަތުރުގެ އަގު ވެސް ކޮކްސް ބާޒާރުގައި ވަނީ ބޮޑުވެފަ އެވެ.
"ތަރުކާރީގެ އަގު ވަނީ ރެކޯޑް އަދަދަކަށް ބޮޑުވެފައި. އެއްވެސް ބަޔަކު އަހަރެމެންގެ ހިތާމަތަކުގެ ވާހަކައެއް ނުދައްކާ. އެންމެން ވެސް ކަންބޮޑު ވަނީ ރޮހިންޖާ މީހުންނާ މެދު،" އުކިއާގެ ބަންގްލަދޭޝް މީހެއް ކަމަށްވާ ނާޒިރު އަހުމަދު ބުންޏެވެ.