29 އޮކްޓޯބަރ 2017 - 11:56

އަދުލު އިންސާފު ގާއިމުކުރުމަކީ ރެކޯޑް ހެެދުމަށްޓަކައި ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުގެ ގާޒީއަކު މިދިޔަ ބުރާސްފަތި ދުވަހު 160 ޝަރީއަތް ތާވަލު ކުރައްވައި، އޭގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ ނިންމަވާފައި ވަނިކޮށް ފާއިޒް އޭނާގެ ފޭސް ބުކްގައި ލިޔުއްވާފައިވަނީ އަދުލު އިންސާފަކީ މީހުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އެއީ ބިމުގައި ގާއިމް ކުރުމަށް މާތް ﷲ އަންގާފައިވާ ވަރުގަދަ އަމުރެއް ކަމަށެވެ.
ގާޒީންގެ މެދުގައި ރެކޯޑް ހެދުމުގެ ވާދަވެރިކަން އުފެދުނީ ކުރިން ޖަސްޓިސް މިނިސްޓްރީ ހިންގި ޒަމާނުގައި އެންމެ މޮޅު ގާޒީ ހޮވައި، ހަނދާނީ ފިލާ ދޭން ފެށުމުން ކަމަށާއި އެކަން ހުއްޓައިލީ އެކަމާ ދެކޮޅަށް ބައެއް ގާޒީން ޝަކުވާ ކުރުމުން ކަމަށް ފާއިޒް ލިޔުއްވާފައިވެ އެވެ.
ރެކޯޑް ހެދުމުގެ ގޮތުން، 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު، 9 ގައި އޭރުގެ ޖިނާއީ ކޯޓުގެ ގާޒީއަކު 67 މައްސަލަ ތާވަލު ކުރައްވައި، އޭގެ ތެރެއިން 66 މައްސަލައެއް ނިންމެވި އިރު ދައުވާ ލިބޭ އެންމެންގެ މައްޗަށް ކުށް ސާބިތުވި ކަމަށް ފާއިޒް ލިޔުއްވާފައިވެ އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ އެކު ބޭއްވި ޝަރީއަތްތަކުގައި ވިޔަފާރި އާއި އެއްބަސްވުމުގެ މައްސަލަތަކާއި ގޯތިގެދޮރާއި ބިމުގެ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ވެސް ނިންމާފައިވެ އެވެ.