އެންޑޯސްކޮށްފައިވާ ޗެކް ބަލައިނުގަތުމަށާއި ދޫނުކުރަން ޕީސީބީން އަންގައިފި
އެންޑޯސްކޮށްފައިވާ ޗެކް ބަލައިނުގަތުމަށާއި ދޫނުކުރަން ޕީސީބީން އަންގައިފި

އެންޑޯސްކޮށްފައިވާ ޗެކްތައް ދޫނުކުރުމަށާއި އެފަދަ ޗެކްތައް ބަލައިނުގަތުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް އަންގައިފި އެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެންޑޯސްކޮށްފައިވާ ޗެކްތައް ބޭނުންކުރުމަކީ މާލީ ކުށްތައް ހިންގުމަށް މަގުފަހިކުރުމަށް ފުރުސަތު ލިބިދޭ ކަމަކަށްވާތީ، އެފަދަ ކަންކަން ބޭންކިން ނިޒާމްގެ ތެރެއިން ހިނގިޔަ ނުދިނުމަށްޓަކައި 26 އޮކްޓޯބަރުން ފެށިގެން އެންޑޯސްކޮށްފައިވާ ޗެކެއް ދޫނުކުރުމަށާއި އެފަދަ ޗެކެއް ބަލައިނުގަތުމަށް އަންގާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ސާކިއުލާގައި ނެތެވެ.

މި އެންގުން މި އައީ އެންޑޯސްކޮށްފައިވާ ޗެކްތަކެއް ބޭނުންކޮށްގެން ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއިން އެތައް މިލިއަން ރުފިޔާއެއް ބަޔަކު ނެގި މައްސަލައެއް ކުރިމަތިވެފައި އޮއްވަ އެވެ. ލޯންޗްގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އިން ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަންނަން ދޫކުރި ޗެކްތަކަށް ފައިސާ ހޯދަން އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. ފެނަކައިން އެ ފައިސާ ދޫކުރީ ގެރެންޓީގެ ގޮތުގައި ޗެކްތަކުގެ ނުފުށުގައި އެމްސީބީގެ ތައްގަނޑު ޖަހާފައިވާ ޗެކަކަށެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ގަންނަން ދިން ތިން ޗެކް ވެސް ބައުންސްވި ހިސާބުންނެވެ.

ޗެކްތަކުގެ މައްސަލާގައި ފެނަކަ އިން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާ ކުރާ އިރު، އެފަދަ މައްސަލައެއްގައި ސްޓެލްކޯ އިން ވެސް ވަނީ ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ދައުވާކޮށްފަ އެވެ. ސްޓެލްކޯ އިން ދައުވާ ކުރަނީ އެ ކުންފުންޏަށް ވެސް ދެ ލައްކަ ޑޮލަރު ވިއްކާނެ ކަމަށް ބުނެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ސާވިސް އިން ނެގި މައްސަލައިގަ އެވެ. މި މައްސަލަ ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން މިހާރު ވަނީ ޝަރީއަތަށް ވެސް ފޮނުވައިފަ އެވެ.