07 ޖުލައި 2016 - 07:32

ހޭންޑް ސެނިޓައިޒާ އަކީ އަތުގައި ހުންނަ ޖަރާސީމުތައް ނައްތާލުމުގެ ބޭނުމުގައި އެތައް ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ އެއްޗެކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ މިއީ ހަމަ ހަގީގަތުގައި ވެސް ބޭނުމެއް ހުރި އަދި ބޭނުންކުރަންވާ ވަރުގެ އެއްޗެއްތޯ ބަލަން ފަށައިފަ އެވެ.
އެ އޭޖެންސީން ވަނީ އެންޓި ބެކްޓީރިއަލް ހޭންޑް ސެނިޓައިޒާ އާއި އެއާ ގުޅޭ އެހެނިހެން ސާމާނު އުފައްދާއިރު ބޭނުންކުރާ ތަކެއްޗާ ބެހޭ މައުލޫމާތު ދިނުމަށް އެދިފަ އެވެ. އަދި ބޭނުންކުރާ މާއްދާތަކުން ބެކްޓީރިއާ މަރުވޭތޯ ނުވަތަ ނުރައްކާ ކުޑަވަނީ ކިހާ ވަރަކަށްތޯ ބުނެދިނުމަށް ވެސް ވަނީ އެދިފަ އެވެ.
މީގެ ތެރެއިން ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ސެނިޓައިޒާގެ ސަބަބުން، ދިގު މުއްދަތެއްގައި ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ބެލުމެވެ.
"މި އުފެއްދުންތަކަކީ ސައިބޯނި ލައިގެން އަތް ދޮވުމުން ލިބޭ ފައިދާ އެހެން ގޮތަކުން ލިބޭނެ ގޮތަށް އުފައްދާ އެއްޗެހިތަކެއް. އެކަމަކު ކޮންމެ ދުވަހަކު އެތައް ފަހަރަކު މިއިން އަތް ދޮވުމަކީ ކޮންކަހަލަ ކަމެއްތޯ ބެލުމަކީ އަހަރެމެންގެ ޒިންމާއެއް،" އެފްޑީއޭގެ ސެންޓަ ފޯ ޑްރަގް އިވެލޫޝަން އެންޑް ރީސާޗް ޑރ. ޖެނެޓް ވޫޑްކޮކް ވިދާޅުވެފައިވެ އެވެ.
އެފްޑީއޭ އިން ބުނެފައި ވަނީ ބެކްޓިރިއާ މެރުމަށް ސެނިޓައިޒާގައި ބޭނުންކޮށްފައި ހުންނަ މާއްދާތަކުގެ އިތުރުން ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން ވެސް ސިއްހަތަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށާއި އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އެކަމަކު މި ކަންކަން ބަލަން ފެށުމުގެ މާނަ އަކީ ސެނިޓައިޒާ އަކީ ބޭނުންކުރަން ރަނގަޅު އެއްޗެއް ނުން ކަމަށް އެ އިދާރާއިން ގަބޫލުކުރުން ނޫން ކަމަށް ބުނެފައިވެ އެވެ.
މިކަން ބަލަން ފަށާފައި މި ވަނީ އެންޓިބެކްޓީރިއަލް ސެނިޓައިޒާ އަދި ސައިބޯނި ފަދަ ތަކެތިން ރައްކާތެރިކަން ލިބޭ ކަމަށް ބުނާ މިންވަރަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބައެއް ދިރާސާތަކުގައި ބުނެފައި ވަނިކޮށެވެ. އަދި ބައެއް ސެނިޓައިޒާތަކުގައި މަތީ މިންވަރަކަށް އަލްކޮހޮލް ބޭނުންކޮށްފައި ހުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުޑަކުދިންނާއި މާބަނޑު މީހުންނަށް ކުރާ ކަމަށް ވެސް ދިރާސާތަކުގައި ބުނެފައި އެބަހުއްޓެވެ.