ފަސް މަސް ތެރޭ އިންގްލެންޑަށް ދެ ވަނަ ވޯލްޑް ކަޕް
ފަސް މަސް ތެރޭ އިންގްލެންޑަށް ދެ ވަނަ ވޯލްޑް ކަޕް

ކަލްކަތާ، އިންޑިއާ (އޮކްޓޫބަރު 29) - މިދިޔަ ޖޫން މަހު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އިންގްލެންޑްގެ ޒުވާން ޓީމުން ރޭ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފި އެވެ.

އިންގްލެންޑުން ވަނީ މި އަހަރު އޮތް 19 އަހަރުން ދަށުގެ ޔޫރޯ ވެސް ކާމިޔާބު ކޮށްފަ އެވެ. އިންގްލެންޑުގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރެވެ.

މީގެ ކުރިން 17 އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑަށް ކުއާޓާ ފައިނަލަށް ވުރެ ދުރަށް ނުދެވެ އެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރޭގެ ފައިނަލުގައި އެ ޓީމުން ވަނީ ފަހަތުން އަރައި 5-2 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގެ ފަށައިގެން 31 މިނިޓް ތެރޭ ބާސެލޯނާގެ ފޯވާޑް ސާޖިއޯ ގޯމޭޒްގެ ދެ ލަނޑުން ސްޕެއިން ލީޑުނެގި އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދި ލިވަޕޫލްގެ ފޯވާޑް ރިއާން ބްރޫސްޓާ ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް މެޗުގެ އުއްމީދުއާ ކޮށްދީފަ އެވެ.

އިންގްލެންޑް މޮޅުވީ ދެ ވަނަ ހާފުގެ ލަނޑުތަކާ އެކު އެވެ. އެ ޓީމުގެ މޯގަން ގިބްސް ވައިޓް އާއި ފިިލިޕް ފޯޑެން، ކޮންމެ ދެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު މާކް ގުއޭއީ ލަނޑެއް ޖެހި އެވެ.

މީގެ ހަތަރު އަހަރު ކުރިން އިންގްލެންޑްގެ އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވަނީ 2020 ގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2022 ގައި އޮންނަ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންގްލެންޑަށް ފުރުސަތު ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އިންގްލެންޑްގެ ސީނިއާ ޓީމު އެންމެ ފަހުން ރަސްމީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނީ މީގެ 21 އަހަރު ކުރިންނެވެ. އެކަމަކު އެކަން ކުރިއަށް އޮތް މުބާރާތްތަކުގައި ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.

އިންގްލެންޑުގެ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސްޓީވް ކޫޕާ ބުނީ މި ކާމިޔާބީތަކުން އެނގެނީ އިނގިރޭސި ޔޫތު ސިސްޓަމް އޮތީ ރަނގަޅު ޓްރެކުގައި ކަމަށާއި މި އުފެދޭ ކުޅުންތެރިންނަށް ސީނިއާ ލެވެލުގައި ފުރުސަތު ލިބިއްޖެނަމަ ކާމިޔާބު ހޯދޭނެ ކަމަށެވެ.