ޓޮޓެންހަމް އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް
ޓޮޓެންހަމް އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް

މެންޗެސްޓާ (އޮކްޓޯބަރު 28) – ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޔުނައިޓެޑް 23 ޕޮއިންޓާ އެކު ދެ ވަނައިގައި ހަމަޖެހިލިއިރު ޓޮޓެންހަމް އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މި މެޗުން ޓޮޓެންހަމް ބަލިވުމާ އެކު ހަތަރު ވަނައިގައި 16 ޕޮއިންޓާ އެކު ޗެލްސީ އަށް މިރޭ ބޯންމައުތު އަތުން މޮޅުވެގެން ޓޮޓެންހަމްއާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ އެއް ވަނައިގައި 25 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެކަމަކު މިރޭ ވެސްޓް ބްރޮމް އަތުން މޮޅެގެން އަނެއްކާ ވެސް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

މި މޮޅަކީ ޔުނައިޓެޑް އެތައް ގޮތަކުން މުހިއްމު މޮޅެކެވެ. ތާވަލުގައި ވާދަކުރާ ޓީމެއްގެ އަތުން ލިބުނު މޮޅެއްގެ އިތުރުން އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ބަލިވެފައިވާތީ ޓީމުގެ އިތުބާރު ރަނގަޅު ކުރުމަށް ވެސް މި މޮޅު މުހިއްމު ދައުރެއް އަދާކުރާނެ އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއާ އެންތަނީ މާޝިއާލް އެވެ. ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދިން ބޯޅަ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ އޭރިއާ ތެރެއިން ހުސްވެފައި އޮތް ދިމާލަށް ވައްޓާލައިފަ އެވެ. އެއާ އެކު މާޝިއާލް ވަނީ އެތަނަށް އަރައި އެ ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.

އަނިޔާގެ ސަބަބުން ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ނުކުޅޭއިރު މި މެޗުގައި އެ ޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑެލޭ އާލީ އަށެވެ.

ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ އޭނާގެ ޓީމަށް ހައްގު މޮޅެއް ކަމަށާއި އެކަމަކު އުނދަގޫ މި މެޗު އެއްވަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ޓޮޓެންހަމް އަށް މާ ގިނަ ފުރުސަތުތަކެއް ނުލިބޭ. ޖުމްލަކޮށް އަހަރެމެން މެޗު ކޮންޓްރޯލްކުރީ. އެކަމަކު މިއީ ޓެކްޓިކަލީ ދެ ޓީމަށް ވެސް ކުޅުންތެރިންނަށް ވެސް އުނދަގޫ މެޗެއް. ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" މޮރީނިއޯ ބުންޏެވެ.