30 އޮކްޓޯބަރ 2017 - 06:28

އެމެރިކާ މީހެއް ކަމަށްވާ މާގްރެޓް ސްމިތު، 63، އަކީ ލިވަ ކެންސަރު ޖެހި ލިވަ ޓްރާންސްޕްލާންޓެއް ކޮންމެހެން ހަދަން ޖެހިފައި އޮތް މީހެކެވެ. ނަމަވެސް އޭނާގެ ސިއްހަތު އެކަމަކަށް ތަނެއް ނުދެ އެެވެ. އޮޕަރޭޝަން ކުރެވޭ ވަރަށް ވުރެ އޭނާގެ ހަށިގަނޑު ދެރަ އެވެ.
ލިވާ ޓްރާންސްޕްލާންޓެއްގެ އިންތިޒާރުގައި އޮތް މާގްރެޓަށް މިއީ ހިތްދަތި ޚަބަރަކަށް ވާނެކަން އޭނާ އެޑްމިޓްކޮށްފައި އޮތް ވެންޑަބިލްޓް ޔުނިވަސިޓީ މެޑިކަލް ސެންޓާގެ ނަރުސް އޮލީވިއާ ނިއުފެލްޑާ އަށް އެނގެ އެވެ. އެހެންވެ ބަލިމީހާގެ ބިރު ފިލުވާލުމަށްޓަކައި ކޮންމެ މާގްރެޓަށް އެންމެ ރީތި ލަަވަ ދުވަހަކުވެސް ކިޔައިދޭން އޮލީވިއާ ނިންމި އެވެ.
އެގޮތަށް މާގްރެޓަށް އޮލީިވިއާ އެއް ދުވަހަކު ލަވަކިޔައިދެނިކޮށް މާގްރެޓްގެ އާއިލީ ރައްޓެއްސެއް ކަމަށްވާ ކްރިސްޓަލް ހެމިލްޓަން ރެކޯޑް ކުރި އެވެ. މި ރެކޯޑިންގައި ފެންނަނީ މާގްރެޓްގެ އަތުގައި ހިފައިގެން އިނދެ އޮލީވިއާ ލަވަ ކިޔައިދޭ ތަނެވެ.
މާގްރެޓްގެ އަންހެން ދަރިފުޅު މެގަން ސްމިތު ވަނީ މި ވީޑިއޯ ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ.
"މަންމަގެ ތަދުކަނޑުވާލަން ދޭ ބާރުގަދަ ބޭސްތައް ދިނުމަށްފަހު، މަންމަ ހިތްހަމަޖައްސައިދޭން މި ނަރުސް، މަންމަ ކައިރީގައި އިށީނދެލައިގެން އެތައް ގަޑިއިރެއް ވަންދެން އިނދޭ. އަދި މަންމައަށް އެންމެ މަގުބޫލު ލަވަތައް ކިޔައިދޭ،"
މި ވީޑިއޯ ނަގާފައިވަނީ އޮކްޓޯބަރު 12 ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ފަހުން މިދިޔަ ބުދަ ދުވަހު މާގްރެޓް ވަނީ މަރުވެފަ އެވެ.
އޮލީިވިއާ އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ. "މިސް މާގް (މާގްރެޓް) ވަނީ ބަޔާން ކޮށްދޭން ވެސް ނޭނގޭ ފަދަ ގޮތަކަށް އަހަރެންގެ ހިތާ ކުޅެލާފައި. ނަރުހަކަށް ވުމަކީ އަހަންނަށް ލިބުނު ޝަރަފެއް. އަދި އެކަމާ އަހަރެން އުފާކުރަން. އަހަރެން އަބަދުވެސް އެ އާއިލާއަށް ހެޔޮ ދުއާ ކުރާނަން."
ނިއުސް ޗެނަލް 5 އާ ވާހަކަ ދައްކަމުން އޮލީވިއާ ބުނި ގޮތުގައި އޭނާ ކިޔައިދިނީ މާގްރެޓަށް އެންމެ މަގްބޫލު ލަވަކަން އެނގުމުން ހިތަށް ހަމަޖެހުމާއި އުފާ ލިބެ އެވެ.