04 ޖުލައި 2016 - 10:00

ރިޔާޒް (ޖުލައި 4) - ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކައިރީގައި ޖާނުންފިދާވެގެން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.
ބޮން ގޮއްވާލަން އުޅުނު މީހާ ހުއްޓުވުމުގެ ތެރޭގައި ސަލާމަތީ ދެ އޮފިޝަލަކަށް ވަނީ ކުޑަކޮށް އަނިޔާވެފަ އެވެ. އިތުރު މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ބޮމުގެ ހަމަލާ ދީފައި ވަނީ އެމެރިކާގެ މިނިވަން ދުވަހަށް އަލިވިލޭން ތައްޔާރުވެފައި ވަނިކޮށެވެ.
ހަނގުރާމަވެރިންގެ ބަޔަކު 2004 ވަނަ އަހަރު ވެސް ވަނީ ޖިއްދާ ކޮންސިއުލޭޓަށް ހަމަލާދީ ނުވަ މީހުން މަރާލައިފަ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މި ބާވަތުގެ ހަމަލާއެއް ދޭން އުޅޭކަން އެނގޭ ކަމަށެވެ. އަދި ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
ސުލައިމާން ފަގީގު ހޮސްޕިޓަލުގެ ކާރު ޕާކިން ސަރަހައްދުގައި އުޅުނު މީހަކާ މެދު ސަލާމަތީ ފަރާތްތަކުން ޝައްކު ކުރަން ފެށީ ސައުދީ ގަޑިން ދަންވަރު 2:15 ގައި ކަމަށް ދާޚިލީ ވުޒާރާގެ ތަރުޖަމާން މޭޖާ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވި އެވެ. މި ހޮސްޕިޓަލް ހުންނަނީ ކޮންސިއުލޭޓުގެ ކުރިމައްޗަށްވާ ގޮތަށެވެ.
ތުހުމަތު ކުރެވުނު މީހާ ކައިރި އަށް ގާޑުން ކައިރިވާން ފެށުމުން އޭނާ ވަނީ އަމިއްލަ އަށް ގޮއްވާލައިފަ އެވެ. ގޮއްވާލީ ހޮސްޕިޓަލުގެ ޕާކިން އޭރިޔާގަ އެވެ.
ހަމަލާ އަށް ފަހު ސައުދީ އަރަބިއާގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ގައުމުގައި އުޅޭ ހުރިހާ އެމެރިކާ މީހުން ވެސް ސަލާމަތާ މެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ. އެކަމަކު 2014 ވަނަ އަހަރުން ފެށިގެން ސައުދީގައި ދިން ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ. އިރާގާއި ސީރިއާގައި ހަރަކާތްތެރިވާ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާ ދޭ ލަޝްކަރުގައި ސައުދީ އަރަބިއާ ހިމެނެ އެވެ.