28 އޮކްޓޯބަރ 2017 - 14:37

ރޯމް (އޮކްޓޯބަރު 28) - ތިރީސް އަންހެނަކަށް ގަސްދުގައި އެޗްއައިވީ ޖެއްސީ އިޓަލީގެ އެކައުންޓެންޓަކު 24 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ވެލެންޓިނޯ ޓަލޫޓޯ ނަމަކަށް ކިޔާ މީހާ އަށް އެޗްއައިވީ ޖެހިފައިވާކަން 2006 ވަނަ އަހަރު އެނގުނު ފަހުން އޭނާ ވަނީ 53 އަންހެނަކާ ގުޅުން ހިންގައިފަ އެވެ. މީގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. ޓަލޫޓޯ ވަނީ "ހާޓީ ސްޓައިލް" ގެ ނަމުގައި ސޯޝަލް ނެޓްވޯކްތަކާއި ޑޭޓިން ސައިޓްތައް މެދުވެރިކޮށް ބައިވެރިން ހޯދައިފަ އެވެ.
ޓަލޫޓޯގެ މަންމަ އަކީ ވެސް އެޗްއައިވީ ޖެހިފައިވާ އަދި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެކެވެ. ޓަލޫޓޯގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ މަންމަ ވަނީ މަރުވެފަ އެވެ.
ޓަލޫޓޯގެ ވަކީލުން ބުނެފައި ވަނީ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޓަލޫޓޯ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައި ވަނީ ޓަލޫޓޯގެ އަމަލުތައް ހުރީ މީހުން މަރަން ކަމަށެވެ.
ޓަލޫޓޯ ހައްޔަރު ކުރީ ނޮވެމްބަރު 2015 ގަ އެވެ.