28 އޮކްޓޯބަރ 2017 - 14:43

ސްރީލަންކާގައި ދިިރިއުޅެމުން އަންނަ ދިވެހީންނަށް ހާއްސަކޮށް މޮބައިލް އެޕްލިކޭޝަނެއް ހަދަން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ނިންމައިފި އެވެ.
އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) "މިހާރު" އަށް ވިދާޅުވީ މޮބައިލް އެޕްލިކޭޝަނެއް ހަދަން ދެތިން ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި މި އަހަރު ނިމުމުުގެ ކުރިން އެޕްގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ބަހުން ހުންނަ އެ އެޕުގައި ލަންކާގެ ގާނޫނާއި ގަވާއިދުތަކާ ބެހޭ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެމްބެސީއާ ސޯސަންގެ އިން ލިބެން ހުންނަ ހިދުމަތްތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަން މުންދު ފާހަގަކުރެއްވި އެވެ.
"ސޯސަންގެއާ އެމްބަސީން ވެސް ގިނަ ހިދުމަތްތަކެއް އެބަދެން. ބައެއް ފަރާތްތަކުން ގުޅާލާފައި އަހާލާނެ މިވެނި ކަމެއް ކުރާނީ ކިހިނެއްހޭ، އޭގެ ބަދަލުގައި އެޕް އިން ހުރިހާ މައުލޫމާތެއް ލިބެން ހުންނަ ކަމުގައި ވާނަމަ ފަސޭހަތަކެއް ވެގެން ދާނެ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލަންކާގައި ދިވެއްސަކު މަރުވާއިރު އެކަމުގެ މައުލޫމާތެއް ގިނަ މީހުންނަކަށް ނޭނގެ އެވެ.
"އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންގައި އެ މައުލޫމާތުތައް ހިމަނަން، ނިޔާވި ބޭފުޅާގެ މައުލޫމާތާއި ޖަނާޒާ އޮންނަ ގަޑިއާ ވަޅުލަން ހަމަޖައްސާފައިވާ ތަނުގެ މައުލޫމާތު. އެ ކަންތައްތައް ފަސޭހަ އިން އެނގޭ ނަމަ ޖަނާޒާގައި ގިނަ ދިވެހީންނަށް ބައިވެރިވެވޭނެ،" މުންދުު ވިދާޅުވި އެވެ.
ސަފީރުކަމާ ހަވާލުވެވަޑައިގަތް ފަހުން މުންދު އަންނަނީ ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހީންނަށް ލުއިފަސޭހަ ކޮށްދިނުމަށް ގިނަ ކަންތައްތައް ކޮށްދެއްވަމުންނެވެ. އެގޮތުން އެ ގައުމުގެ މެޓްރޯޕޮލީޓަން ކޮލެޖުގައި ދިވެހި ދަރިވަަރުންނަށް ހެޔޮ އަގެއްގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސަައިފައި ވެ އެވެ.
މުންދު ވިދާޅުވީ އެމްބަސީ މެދުވެރިކޮށް އެ ކޮލެޖުގެ ކޯހެއްގައި ބައިވެރިވެއްޖެނަމަ، ދައްކަންޖެހޭނީ ކޯސް ފީގެ 50 ޕަސެންޓް ކަމަށެވެ.
ކުރިމަގުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށް ކޭކު އަޅަން ދަސްކޮށްދޭ ކޯހާއި ކަށުކަމާކެމީގެ ކޯހާއި މޭކަޕް ކުރަން ދަސްކޮށްދޭ ކޯސްތައް ހިންގަން ނިންމާފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ.
ކިޔެވުމަށާއި ބޭސްފަރުވާ އަދި އެހެނިހެން ކަންތައްތަކަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާއަށް ދާއިރު މިހާރު ވެސް އެ ގައުމުގައި 15،000 އެއްހާ ދިވެހީން ދިރިއުޅެމުން އަންނަކަމަށް އެ އެމްބަސީން ބުންޏެވެ.