28 އޮކްޓޯބަރ 2017 - 14:17

ލަންޑަން (އޮކްޓޯބަރު 28) - މަޝްހޫރު އިލްމުވެރިޔާ ސްޓެފަން ހޯކިންގެ ޕީއެޗްޑީ ތީސިސް އާއްމުންނަށް ބެލޭ ގޮތް މިދިޔަ ހޯމަ ދުވަހު ހެދި ފަހުން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެ ތީސިސް ބަލައިފި އެވެ.
ޕްރޮފެސަރު ހޯކިން 1966 ވަނަ އަހަރު ކުރެއްވި މަސައްކަތް އާއްމުންނަށް ހުޅުވާލުމާ އެކު ވަރަށް ބޮޑު ތަރުހީބެއް ފުރަތަމަ ދުވަހު ވެސް ލިބުނެވެ. ތީސިސް ކިޔަން ވެބްސައިޓަށް ވަން މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ކޭމްބްރިޖް ޔުނިވާސިޓީގެ ވެބްސައިޓުގެ ޕަބްލިކޭޝަން ސެކްޝަން ވަނީ ކްރޭޝްވެފަ އެވެ. "ޕްރޮޕަޓީސް އޮފް އެކްސްޕޭންޑިން ޔުނިވާސަސް"ގެ ނަން ދީފައިވާ ތީސިސް ޑައުންލޯޑް ކުރުމަށް 500،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކޮށްފައިވެ އެވެ.
ހޯކިންގެ ޕީއެޗްޑީ ތީސިސް ކިޔަން ބޭނުންވާ މީހުން މީގެ ކުރިން 65 ޕައުންޑް ޔުނިވާސިޓީ ލައިބްރަރީ އަށް ދައްކަން ޖެހެ އެވެ. ކެމްބްރިޖް ޔުނިވާސިޓީން ބުނީ އެ ތަނުގެ ކުރީގެ އިލްމީ ބޭފުޅުން ކުރައްވާފައިވާ މަސައްކަތްތައް ވެސް ހޯކިން ގޮތަށް އާއްމުންނަށް ހުޅުވާލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ހޯކިންގެ 134 ސަފްހާގެ ތީސިސް ލިޔުއްވީ އުމުރުފުޅުން 24 އަހަރުގަ އެވެ. އޭރު އެއީ ކޭމްބްރިޖުގެ ޓްރިނިޓީ ހޯލްގެ ޕޯސްޓްގްރެޖުއޭޓް ދަރިވަރެކެވެ. އޭގެ ފަހުން 1962 ވަނަ އަހަރުން ފެށިގެން ކެމްބްރިޖް ޔުނިވާސީގައި މަސައްކަތް ކުރައްވާ އެސްޓްރޯފިޒީސިސްޓް ވަނީ "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" ފަދަ ވަރުގަދަ ސައެންޓިފިކް މަސައްކަތްތައް ކުރައްވައިފަ އެވެ.
އުފަންވެ ވަޑައިގެންނެވީ: ޖެނުއަރީ 8، 1942 ގައި އިންގްލެންޑުގެ އޮކްސްފޯޑުގައި
- އޮކްސްފޯޑް ޔުނިވާސިޓީގައި ނެޗަރަލް ސައެންސް އިން ކިޔަވާ ވިދާޅުވުމުގެ ފުރުސަތު 1959 ގައި ލިބިވަޑައިގެންނެވި
- މޮޓޯ ނިއުރޯން ބަލި ޖެހިފައިވާކަން 1963 ވަނަ އަހަރު ދެނެގަނެވުނު
- "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" 1988 ވަނަ އަހަރު ޝާއިއުކުރި. 10 މިލިއަން ކޮޕީ ވަނީ ވިކިފައި.
- ހޯކިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2014 ވަނަ އަހަރު ވަނީ "އަ ތިއަރީ އޮފް އެވްރީތިން" ނެރެފައި.