އިނގިރޭސި ޕްރިމިއާ ލީގަކީ އެއް ވަނަ ލީގު: ގާޑިއޯލާ
އިނގިރޭސި ޕްރިމިއާ ލީގަކީ އެއް ވަނަ ލީގު: ގާޑިއޯލާ

މެންޗެސްޓާ (ޖުލައި 4) - އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެއް ވަނަ ލީގު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ވިސްނުމަކީ ތަފާތު ކުޅުމެއް ދައްކައިގެން ނަތީޖާ ނެރުން ކަމަށެވެ.

"އަހަރެން ހަވާލުވާ ކޮންމެ ޓީމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ތަފާތު މޮޅު ކުޅުމެއް ދައްކަން. އަހަރެން ދެކޭ ގޮތުގައި މޮޅު ކުޅުމެއް ދައްކައިގެން ނަތީޖާ ނެެރެގެން ހިތްހަމަ ޖެހުމެއް ލިބުން އޮތީ. ވާދަވެރިކަމަށް ބަލާނަމަ އިނގިރޭސި ޕްރިމިއާ ލީގަކީ އެއް ވަނަ ލީގު. މި ލީގުގައި ވެސް ތަފާތު ދެއްކޭނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގެ އެކެޑަމީ މިހާރު ކުރިއަށްގެންދަނީ ބާސެލޯނާގެ "ލަމާސިއާ"ގެ މޮޑެލް އަށެވެ. ގާޑިއޯލާ ބުނީ ސިޓީއާ އެކު އޭނާ ކުރިއަށްދާނީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަމަށެވެ.

"އަހަރެން ކޯޗިން ކެރިއަރު ފެށީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކެޑަމީން. އެއީ ބާސެލޯނާގެ ލަމާސިއާ. ސިޓީއާ އަހަރެން ހަވާލުވީ ވެސް ސިޓީގެ ޕްލޭނެއް އޮތުމުން. ޒުވާން ކުޅުންތެރިން ކުރިއަރުވައިގެން މުސްތަގުބަލެއް އޮތީ. މޮޅު ކުޅުންތެރިން އަބަދު ގަތުމަކީ ވިސްނުމަކަށް ވެގެން ނުވާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން ވަނީ ތިން ކުޅުންތެރިއަކު އެޓީމަށް ގެނެސްފަ އެވެ. އެއީ ބޮރޫޝިއާ ޑޯޓްމަންޑްގެ އިލްކޭ ގުންޑޮގާން އާއި މެލްބަން ސިޓީގެ އާރޮން މޫއީ އަދި ސެލްޓަ ވިގޯގެ ނޮލީޓޯ އެވެ.

އަދި އާސެނަލަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު މިކެލް އާޓެޓާ ވަނީ ފުޓްބޯޅައިން ރިޓަޔަކުރުމަށް ފަހު ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އެޓީމާ ގުޅިފަ އެވެ.