29 އޮކްޓޯބަރ 2017 - 06:30

"ގޯލްމާލް" ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމު "ގޯލްމާލް ރިޓާންސް" އަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދެމުން އަންނައިރު "ހައުސްފުލް" ފްރެންޗައިސްގެ ވެސް ހަތަރު ވަނަ ފިލްމެއް އުފައްދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"ހައުސްފުލް 4" އިއުލާންކުރަމުން ފިލްމު އުފައްދާ ފަރާތުން ބުނީ ފިލްމު ރިލީޒްކުރާނީ 2019 ގެ އޮކްޓޯބަރު ހިސާބުގައި ކަމަށެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ފުރަތަމަ ދެ ބައި ޑައިރެކްޓްކުރި ސާޖިދު ޚާނެވެ.
މިހާތަނަށް އުފެއްދި "ހައުސްފުލް"ގެ ތިން ފިލްމުގައި ވެސް އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ވަނީ ބައިވެރިވެފަ އެވެ. އަދި "ހައުސްފުލް 4"ގައި ވެސް އަކްޝޭ އާއި އޭނާގެ ގްރޫޕްގެ ހުރިހާ މެމްބަރުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އިތުރު އެކްޓަރުން ވެސް މިފަހަރުގެ ފިލްމުން ފެންނާނެ އެވެ.
"ހައުސްފުލް" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ނެރުނީ 2010 ގަ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިފައިވެ އެވެ. "ހައުސް ފުލް 2"ގައި އަކްޝޭ އާއި ރިތޭޝްގެ އިތުރުން ރިޝީ ކަޕޫރާއި ރަންދީރް ކަޕޫރު ވެސް ބައިވެރިވި އެވެ. އަދި "ހައުސް ފުލް 3"ގައި އަބީޝެކް ބައްޗަން ބައިވެރިވި އެވެ. މި ފިލްމު ޑައިރެކްޓްކުރީ ސާޖިދު-ފަރްހާދް ކިޔާ ޑައިރެކްޓަރުންގެ ދެ މީހަކު ވެގެންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ބުނި ގޮތުގައި ހަތަރު ވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ތެރޭ އެމީހުން ފަށާނެ އެވެ. އަދި ކުރީގެ ފިލްމުތަކަށް ވުރެ މި ފިލްމު މާ މަޖާ ވާނެކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.