28 އޮކްޓޯބަރ 2017 - 11:43

ލިވަޕޫލް (އޮކްޓޯބަރު 28) - ޖަރުމަނުގެ ދެ ވަަނަ ޑިވިޝަނުގައި 1991 ވަނަ އަހަރު ވާދަކުރި މެއިންޒްގެ ޗޭންޖިން ރޫމުގެ ތެރެއިން ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕާ ދިމާވީ މިހާރު ހަޑްސްފީލްޑް ޓައުންގެ ކޯޗު ޑޭވިޑް ވެގްނާއާ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކްލޮޕާއި ވެގްނާ އަކީ ގާތް ރަހުމަތްތެރިންނެވެ. ޒަމާންވީ އެކުވެރިކަމަށް އެތަކެއް އަަހަރުވެފައިވާއިރު ރަސްމީ މެޗެއްގައި ދެ މީހުން އެކެއް އަނެކަކާ ދެކޮޅަށް ނުކުމެފައެއް ނުވެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ހަޑްސްފީލްޑާއި ލިވަޕޫލް ބައްދަލުކުރާ މެޗަކީ މި ދެ ރަހުމަތްތެރިންގެ ވެސް ފުރަތަމަ ވާދަވެެރި މެޗެވެ.

"ކޮންމެވެސް މީހެއް އަހަރެމެން ރޫމެއްގެ ތެރެއަށް ވައްދާފައި ތިބީ. އެ ހިސާބުން ފެށުނީ ދެ ދުނިޔަވީ އެކުވެރިކަމެއް. އަހަރެން އޭނަ (ވެގްނާ) ދެކެނީ އާއިލާ މީހެއްގެ ގޮތުގައި،" ވެގްނާއާ ދިމާވި ގޮތާ ބެހޭ ގޮތުން ކްލޮޕް ބުންޏެވެ.
ފުޓްބޯޅަ ކެރިއަރުގެ ވަކި ހިސާބަކުން ކްލޮޕާއި ވެގްނާ ތަފާތު ޓީމުތަކަށް ކުޅުނު ނަމަވެސް އެކުވެރިކަމަށް ބަދަލެއް ނާދެ އެވެ. ކްލޮޕް މެއިންޒަށް ކޯޗުކޮށްދިން އިރުވެސް އެންމެ ގާތް އެކަކަކީ ވެގްނާ އެވެ. އަދި ފަހުން ބޮރޫޝިއާ ޑޯޓްމަންޑާ ހަވާލުވިއިރު، ވެސް ވެގްނާ އެހީތެރިވެދިނެވެ.
ވެގްނާ ކޯޗިން ކެރިއަރު ފެށީ 2011 ވަަނަ އަހަރު ޑޯޓްމަންޑް ދެ ވަނަ ޓީމުންނެވެ. ހަތަރު އަހަރު އެ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު 2015 ވަނަ އަހަރު ހަޑްސްފީލްޑް ޓައުނާ ހަވާލުވި އެވެ. ވެގްނާ ހަޑްސްފީލްޑާ ހަވާލުވުމުގެ ކުރިން ކްލޮޕްގެ އެސިސްޓަންޓެއްގެ ގޮތުގައި ލިވަޕޫލަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެހެން ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އެއްވެސް ހަގީގަތެއް ނެތް އެ ވާހަކަ ތަކުގައި. ކްލޮޕް ލިވަޕޫލަށް ބަދަލުވީ 100 ޕަސެންޓް އަމިއްލަ ނިންމުމެއްގައި. އަހަރެންގެ ވިސްނުން ހުރީ އަމިއްލަ އަށް ކޯޗިން އިން ކުރިއަށްދާން. އެއީ ހަޑްސްފީލްޑާ ހަވާލުވި ސަބަބަކީ،" ވެގްނާ ބުންޏެވެ.
އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ކާމިޔާބުކޮށް 45 އަހަރަށް ފަހު ހަޑްސްފީލްޑަށް އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ހޯދައިދިނެވެ. މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ހަޑްސްފީލްޑް މޮޅެއް ހޯދުން ވެގެންދިޔައީ ވެގްނާގެ ކޯޗިން ކެރިއަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ އަށެވެ.
ކްލޮޕް ލިވަޕޫލާ ހަވާލުވުމަށް ފަހު އެންމެ ގިނައިން ނުރަސްމީ ރަހްމަތްތެރިކަމުގެ މެޗު ކުޅުނީ ހަޑްސްފީލްޑާ އެކު އެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލްގެ ޓްރެއިނިން ދަނޑުގައި ހަޑްސްފީލްޑާ ދެކޮޅަށް ހަތަރު މެޗު ކުޅުނެވެ.
"ރަސްމީ މެޗެއްގައި ހަޑްސްފީލްޑް ގޮވައިގެން އަހަރެން ކްލޮޕާ ދެކޮޅަށް ކުޅޭނެ ކަމަށް ހިޔެއް ނުކުރަން. މިދިޔަ އަހަރު އަހަރެމެން ގިނަ ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުނިން. އެކަމަކު ހަގީގަތުގައި ރަސްމީ މެޗެއްގައި ކުޅެން ޖެހޭނެ ކަމަށް ހިޔެއް ނުކުރަން،" ވެގްނާ ބުންޏެވެ.
ކްލޮޕް ބުނީ މި މެޗުގައި ފެންނާނީ ވާދަވެރިކަން ކަމަށާއި ލަނޑު ޖަހައިފިނަމަ އުފާފާޅުކުރާނެ ކަމަށާއި ދެބަސްވާން ޖެހިއްޖެނަމަ މެޗުގެ ވަގުތުގައި އެކަންތައް ވެސް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މެޗަށް ފަހު ފެންނާނީ ކުރީގެ އެކުވެރިކަން ކަމަށް ބުންޏެވެ.
ހަޑްސްފީލްޑް ލީގުގެ 11 ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ލީގުގެ ނުވަ ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ކުރިއަށް ޖެހިލަން ދެ ޓީމަށް ވެސް މި މެޗު މުހިއްމެވެ. މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރު އެެވެ.