އިންގެލެންޑުގެ ކޯޗުކަން ޖެރާޑާށް ހުށަހަޅަނީ
އިންގެލެންޑުގެ ކޯޗުކަން ޖެރާޑާށް ހުށަހަޅަނީ

ޕެރިސް، ފްރާންސް (ޖުލައި 4) - އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ހަމަޖައްސަން ވާހަކަތައް ފަށަން އުޅޭ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

ޔޫރޯގެ ދެ ވަނަ ބުރުން އައިސްލެންޑް އަތުން ބަލިވެ އިންގްލެންޑް ކެޓުމުން ރޯއީ ހޮޖްސަން މަގާމުން ވަކިވެފައިވާއިރު ޖެރާޑުގެ އިތުރުން ވެސް ކުރީގެ ބައެއް ކުޅުންތެރިންނާ އަދި ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން އަށް އިނގިރޭސި އެފްއޭ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު ޔޫރޯގެ ސެމީ ފައިނަލަށް ވޭލްސް ގެންގޮސްދީފައިވާ ކޯލްމަން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަންނަށް ހިޔެއް ނުވޭ އަހަންނަށް ތި ވަޒީފާ ހުށަހަޅާފާނެހެން. ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އަހަންނަކީ އަބަދުވެސް ވޭލްސް މީހެއް. އެކަން އޮންނާނީ އަބަދުވެސް އެގޮތުގައި،" ޕްރިމިއާ ލީގުގެ ފުލަމް އަދި ސްޕެއިނުގެ ރެއާލް ސޮސެއިޑާޑަށް ކޯޗުކޮށްދީފައިވާ ކޯލްމަން ބުންޏެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅޭ ޖެރާޑް ވަނީ މި އަހަރު ނިމުމުގެ ކުރިން ކުޅުން ހުއްޓާލަފާނެ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ލިވަޕޫލުން ނުވަތަ ގައުމީ ޓީމުން ކޯޗިން ފުރުސަތެއް ލިބިއްޖެ ނަމަ ބޭނުންކުރާނެ ކަމަށް ބުނެފަ އެވެ.

ޖެރާޑް ވަނީ ދެ ވަނަ ބުރުން އިންގްލެންޑް ކެޓުމުން ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ރަނގަޅު ލީޑަރެއް ހުރެއްޖެ ނަމަ އިންގްލެންޑުގައި ތިބި ޒުވާން ކުޅުންތެރިންގެ ހުނަރު ނެރެވޭނެ ކަމަށެވެ.