28 އޮކްޓޯބަރ 2017 - 11:20

އަންނަ އަންގާރަ ދުވަހު ފަށާ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު އިއްޔެ ފުރާފައިވާއިރު މިއީ ރާއްޖޭގެ ޒުވާން ޓީމަށް މިދިޔަ މުއްދަތު ތެރޭގައި އައިސްފައިވާ ކުރިއެރުން ވަޒަންކުރަން ލިބޭ ފުރުސަތެކެވެ.
"މި އަހަރު އޮގަސްޓް މަހުން ފެށިގެން އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މި މުބާރާތަށް. ފުރަތަމަ އަޅުގަނޑުމެން މިދިޔައީ ސާފަށް (ސާފް ޗެމްޕިއަންޝިޕް) އެއީ 18 އަހަރުން ދަށަށް. މި މުބާރާތުގައި ނިސްބަތުން އަޅުގަނޑުމެން ކުޅެން އެބަޖެހޭ ނިސްބަތުން ވަރުގަދަ ޓީމުތަކާ އެއީ އުޒްބެކިސްތާނާއި ތަޖިކިސްތާން. ދެން މި ގްރޫޕް ތެރޭގައި ބަންގްލަދޭޝާއި ލަންކާ ވެސް އެބައޮތް،" ތަޖިކިސްތާނުގައި އޮންނަ ކޮލިފައިންއާ ބެހޭގޮތުން ޒުވާން ގައުމީ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށް ކުޅޭއިރު، ދެ ވަނަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. ތިން ވަނަ މެޗުގައި އަންނަ މަހު ހަތަރު ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭއިރު، ގްރޫޕުގެ ފަހު މެޗުގައި ކޮލިފައިން ކުރިއަށްދާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އަންނަ މަހު ހަ ވަނަ ދުވަހު އެވެ.
ސާންތީ ބުނީ މި ވަގުތު ވިސްނަނީ ހަމަައެކަނި މުބާރާތުގައި ކުޅެން ޖެހޭ ފުރަތަމަ މެޗަށް ކަމަށެވެ.
"ފުރަތަމަ ފޯކަސް މި އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗަށް. އެއީ އަޅުގަނޑުމެން ރަނގަޅު ފައިޓެއް ދީގެން އަޅުގަނޑުމެން ކޮޅަށް އަނބުރާލެވޭތޯ ހުރިހާ މަސައްކަތެއް ކުރާނަން،" އޭނާ ބުންޏެވެ.
ސާފުގައި ރާއްޖެ ކުޅުނު ހަތަރު މެޗުން ބަލިވިއިރު، ބައިކޮޅަށް ވަނީ ހަތް ގޯލު ވަދެފަ އެވެ. އެންމެ ފުލުގައި ނިންމާލިއިރު ޖެހުނީ އެންމެ ލަނޑެކެވެ. އެ މުބާރާތުގައި ރާއްޖެ ވަނީ ބޫޓާނާއި ބަންގްލަދޭޝް އަތުން ވެސް ބަލިވެފަ އެވެ.
ޒުވާން ގައުމީ ޓީމުތަކުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަ ފާޑުކިޔުން އަމާޒުވެފައިވާއިރު، މި ފަހަރު މި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުތަަކަކީ ސާފުގައި ކުޅުނު މެޗުތަކަށް ވުރެން އުނދަގޫވާނެ މެޗުތަކެކެވެ. އެހެން ނަަމަވެސް މި ގްރޫޕުގެ މެޗުތައް ރޭވިފައިހުރި ގޮތުން ރާއްޖެ އަށް އެޑްވާންޓޭޖް އެބައޮތެވެ. އެއީ ފަސޭހަ ދެ މެޗު ކުރިއޮތުމުންނެވެ. އެ ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ ދެން އޮތް ދެ މެޗަށް ދާއިރު ޓީމު އޮންނާނީ ރަނގަޅު ފޯމެއްގަ އެވެ.
ސާފުގައި ވާދަކުރިއިރު ޓީމުން ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލަ އަކީ ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު ނުލިބުނު ކަމަށެވެ. އެހެން ނަމަވެސް މި ފަހަރު ކޮލިފައިން އަށް ޓީމު ނުކުންނައިރު، ސާފް މުބާރާތުގެ ތަޖުރިބާގެ އަލީގައި ލިބުނު ވަގުތު ގިނަ އެވެ. އެހެން ކަމުން ކުރިއަށް ވުރެން ނަތީޖާ ރަނގަޅު ކުރެވެން ޖެހޭނެ އެވެ.