27 އޮކްޓޯބަރ 2017 - 23:50

މެޑްރިޑް (އޮކްޓޯބަރު 27) - މިނިވަންކަން އިއުލާންކުރަން ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓުން ފާސްކުރުމާ އެކު ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގަން ސްޕޭނުގެ ސެނެޓުން މިރޭ ފާސްކޮށްފި އެވެ.
ސްޕޭނުގެ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބާރު ހިންގަން ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގައި ނެގި ވޯޓު ފާސްވުމާ އެކު ކެޓަލޯނިއާގެ ވެރިން ވަކިކޮށް، މިނިވަންކަން ހިފެހެއްޓުމުގެ ބާރު ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯ އަށް ލިބޭނެ އެވެ. ސެނެޓުން ވޯޓު ނެގުމާ އެކު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. އެހެންވެ 155 ވަނަ މާއްދާ ތަންފީޒު ކުރުމުގެ ބާރު ސްޕޭން ސަރުކާރަށް މިހާރު ވަނީ ލިބިފަ އެވެ. އެކަމަކު ސްޕޭނުގެ ބޮޑު ވަޒީރު ވަނީ ކެޓަލޯނިއާގެ މިނިވަންކަން ސަސްޕެންޑް ކުރުމާ މެދު އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ދެން އަޅާނެ ފިޔަވަޅުތައް ބޮޑު ވަޒީރު އިއުލާން ކުރައްވާނެ އެވެ.
"ސްޕޭނަކީ ވަރުގަދަ، ސީރިއަސް ގައުމެއް. ގައުމުގެ ގާނޫނު އަސާސީ ހުއްޓުވާލުމުގެ ބާރު މަދު ބަޔަކަށް ނުދެވޭނެ،" ސެނެޓުގެ ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވި އެވެ.
ސްޕޭނުގެ ގާނޫނު އަސާސީ 1978 ވަނަ އަހަރު ފާސްކުރި ފަހުން 155 ވަނަ މާއްދާގެ ބޭނުން ހިފައިފައެއް ނުވެ އެވެ. އެ މާއްދާގެ ދަށުން ކެޓަލޯނިއާގެ ޕާލަމެންޓް އުވާލާ، ސަރަހައްދީ ސަރުކާރުގެ ވެރިން މަގާމުތަކުން ދުރުކުރުމުގެ ބާރު ސްޕޭން ސަރުކާރަށް ލިބިދެ އެވެ.
ކެޓަލޯނިއާ ޕާލަމެންޓުގައި ނެގި ވޯޓުގައި މިނިވަންކަން އިއުލާންކުރަން ތާއިދުކޮށްފައި ވަނީ 70-10 ވޯޓުންނެވެ.