27 އޮކްޓޯބަރ 2017 - 19:09

ބާސެލޯނާ (އޮކްޓޯބަރު 27) - ސްޕޭނުގެ ބާރުގެ ދަށުން މިނިވަންވާން ކެޓަލޯނިއާ ޕާލަމެންޓުން މިއަދު ފާސްކޮށްފި އެވެ.
ކެޓަލޯނިއާގެ ޕާލަމެންޓުގައި މި ވޯޓު ނަގާފައި ވަނީ ސްޕޭނުން ކެޓަލޯނިއާގެ މައްޗަށް ބާރު ހިންގަން ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން ސްޕޭނުން ވަނީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުންކޮށް ކެޓަލޯނިއާގެ ޕާލަމެންޓް އުވާލާ އާ އިންތިޚާބެއް ހަ މަސް ދުވަސް ތެރޭ ބާއްވަން ނިންމައިފަ އެވެ.
ސްޕޭނުގެ ގާނޫނު އަސާސީ 1978 ވަނަ އަހަރު ތަސްދީގު ކުރި ފަހުން 155 ވަނަ މާއްދާ އަށް އަމަލުކޮށްފައެއް ނުވެ އެވެ. އެ މާއްދާގެ ދަށުން ސްޕޭނުގެ މައި ސަރުކާރުން ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ފޯރުވެވޭނެ އެވެ.
ކެޓަލޯނިއާ ޕާލަމެންޓުގައި ނެގި ވޯޓުގައި މިނިވަންކަން އިއުލާންކުރަން ތާއިދުކޮށްފައި ވަނީ 70-10 ވޯޓުންނެވެ. ސްޕޭނުގެ އެޓާނީ ޖެނެރަލް ވިދާޅުވީ މިނިވަންކަން އިއުލާން ކުރަން ވޯޓު ދިން މީހުންގެ މައްޗަށް ބަޣާވާތް ކުރަން އުޅުނުކަމުގެ ދައުވާ ކުރާނެ ކަމަށެވެ.
ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯ ސެނެޓުގައި ވިދާޅުވެފައި ވަނީ ކެޓަލޯނިއާގެ މައްޗަށް ސްޕޭނުގެ ސީދާ ބާރު ހިންގަން ޖެހެނީ ޑިމޮކްރެސީ އާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ޓަކައި ކަމަށެވެ.
ކެޓަލޯނިއާގެ މިނިވަންކަމާ ގުޅޭ ގޮތުން މި މަހު 1 ވަނަ ދުވަހު ނެގި ވޯޓަށް ފަހު މައި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 2.25 މިލިއަން މީހުންގެ ތެރޭން 90 ޕަސެންޓް މީހުން ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ތާއީދު ކޮށްފަ އެވެ.