28 އޮކްޓޯބަރ 2017 - 08:10

ނުބައި ނަންބަރަކަށް ނުވަތަ ގްރޫޕަކަށް މެސެޖެއް ފޮނުވި ލަދުގަންނަން ޖެހޭ މީހުން ވަރަށް ގިނަވާނެ އެވެ. އަހަރެމެންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރާ ޗެޓް އެޕްލިކޭޝަން ކަމަށްވާ ވައިބަ އިން ވަނީ މި މައްސަލަ މާކުރިން ހައްލުކޮށްދީފަ އެވެ. އެއީ މެސެޖު ފޮނުވުމަށް ފަހު ވެސް، އެ ލިބުނު މީހުންގެ ފޯނުތަކުން ވެސް މެސެޖު ޑިލީޓް ކުރެވޭ ގޮތެވެ.
ވައިބަ އަށް ފަހު ފޯނުތަކުން ޖާގަ ހޯދި ވަޓްސްއެޕުން ވެސް މިހާރު މި ފީޗާ ތަރައްގީކޮށް ދޫކުރަން ފަށައިފި އެވެ. "ޑިލީޓް ފޮ އެވްރީވަން" ގެ ނަމުގައި ހެދި މި ފީޗާ ވެސް މަސައްކަތްކުރަނީ ވައިބާގައި މި ފީޗާ ބޭނުންކުރާ ގޮތާ ކުޑަކޮށް ތަފާތުކޮށެވެ. ފީޗާ އަށް ދީފައިވާ ނަމާ އެއްގޮތަށް، ވަޓްސްއެޕް މެސެޖު ޑިލީޓްކޮށްލުމުން، އެ ފޮނުވި މީހާއަށް އަދި މެސެޖު ލިބުނު މީހާއަށް ވެސް އެ މެސެޖު ގެއްލޭނެ އެވެ.
މި ފީޗާ މަސައްކަތްކުރާނީ މި ފީޗާއަށް އަޕްޑޭޓް ކޮށްފައިވާ ވާޝަންގެ އެޕްލިކޭޝަން، މެސެޖު ފޮނުވާ ފޯނާއި ލިބޭ ފޯނަށް ވެސް އަޅާފައިވާ ނަމަ އެވެ. އަދި މެސެޖު ޑިލީޓްކުރެވޭނީ ފޮނުވާތާ 7 މިނެޓް ތެރޭގަ އެވެ. އޭގެ ފަހުން ޑިލީޓްކުރިޔަސް، މެސެޖު ލިބުނު މީހުންގެ ފޯނުގައި އެ ހަމަ އޮތް ގޮތަށް އޮންނާނެ އެވެ.
ޓެކްސްޓް، އިމޭޖް، ގިފް އަދި އެހެން ޑޮކިއުމަންޓްތައް ވެސް މިގޮތަށް ޑިލީޓް ކުރެވޭނެ އެވެ.
ވަޓްސްއެޕުން ބުނާ ގޮތުގައި މެސެޖު ޑިލީޓްކުރަން އުޅެ އެކަން ނާކާމިޔާބުވި ނަމަ ވެސް އެކަން ނޮޓިފިކޭޝަނަކުން އަންގާނެ އެވެ.
މި ފީޗާ މިހާރު އަންނަނީ ފޯނުތަކަށް ދޫކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފީޗާ ކުއްލިއަކަށް ދުލެއް ނުކޮށްލާނެ އެވެ. އެހެންވެ އަޕްޑޭޓް ލިބެން އަދި ދުވަސްކޮޅެއް ނަގައިފާނެ އެވެ.