އިންޒާރުގެ ވީޑިއޯ މައްސަލަ ފައިލްކޮށް، ބްރޯޑްކޮމް އަށް
އިންޒާރުގެ ވީޑިއޯ މައްސަލަ ފައިލްކޮށް، ބްރޯޑްކޮމް އަށް

ރައީސުލް ޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންތަކަކަށް މަރުގެ އިންޒާރުދީ، ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯއެއް އަޕްލޯޑްކުރި މައްސަލަ ތަހުގީގު ނިންމައި ފައިލްކޮށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ފޮނުވައިފި އެވެ.

ރާއްޖޭގައި ވެރިކަން ކުރާ ގޮތް ކަމުނުދާ ކަމަށް ބުނެ އެކަން އިސްލާހުކުރަން ގޮވާލައި އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ޔޫޓިއުބަށް ވީޑިއޯއެއް އަޕްލޯޑްކުރީ ނޮވެމްބަރު، 2015ގަ އެވެ. އެ ވީޑިއޯގައި، ސަރުކާރަކަށް ހަރުކަށި އިންޒާރުތަކެއް ދީފައި ވަނީ މޫނު ނިވާކޮށްގެން، ބަޑި ހިފައިގެން ތިބި ބައެކެވެ.

ސަރުކާރަށް ޑިމާންޑްތަކެއްކޮށް، އެކަން ނުކޮށްފި ނަމަ ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމުގެ އިންޒާރު ވެސް ވީޑިއޯގައި ދީފައިވެ އެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުން މައްސަލަ ތަހުގީގުކޮށް، ހެއްކާއި ގަރީނާ ހޯދަން ސަންގު ޓީވީ ވެސް ބަލައި ފާސްކުރި އެވެ. މައްސަލައިގެ ތުހުމަތަށް އެ ތަނުގެ ގިނަ ހާޑް ޑިސްކުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގާތްގަނޑަކަށް އެ ސްޓޭޝަން ހުއްޓުމަކަށް ވެސް އައެވެ. ފުލުހުން އޭރު ތުހުމަތުކުރީ، އެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކުރީ އެ ސްޓޭޝަނުގެ ސިސްޓަމަކުން ކަމަށެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރި ނަމަވެސް ތުހުމަތު ކުރެވޭ މީހެއް ނެތް ކަމަށެވެ. އެހެންވެ މައްސަލަ ފައިލްކޮށް، ސަންގު ޓީވީގެ އަށް ތުހުމަތުކުރެވޭ މައްސަލަ ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލާގައި ފުލުހުންގެ ތަހުގީގު ނިންމައި، މައްސަލަ ފައިލްކޮށްފި،" އޮފިޝަލް ވިދާޅުވި އެވެ.

ޔޫޓިއުބްގައި، އެ ވީޑިއޯ އަޕްލޯޑްކުރީ ހިޔާނާތުގެ ކުށް ސާބިތުވެ، މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އެ ސްޓޭޝަނަށް ހަރަދުކުރެއްވި ކަމަށް ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށެވެ.