05 ޖުލައި 2016 - 07:57

ޕާޓީތަކަށް މޭކަޕް ކުރާއިރު ގިނަ އަންހެން ކުދިން "ފޭކް އައިލޭޝް" ނުވަތަ އެސްފިޔަ ބޭނުންކުރެ އެވެ. އެސްފިޔަ ތަތްކޮށްލާފައި ހުންނައިރު ވަރަށް ރީއްޗެވެ. ނަމަވެސް، މިކަހަލަ އެސްފިޔަ އަމިއްލައަށް ތަތްކުރަން އުޅެންޖެހެނީ ވަރަށް ހާލުގަ އެވެ. އަތުގެ އިނގިލިތަކުގައި ތެރަސް އުނގުޅި އެތައް ފަހަރަކު ތަތްކޮށް ނައްޓަން ޖެހެ އެވެ.
"ވަން ޓޫ" ކިޔާ ކޮސްމެޓިކް ކުންފުންޏަކުން ތައާރަފު ކުރި އެސްފިޔަ ތަކަކީ ފަސޭހައިން އަވަހަށް ހަރުކޮށްލެވޭނެ ވައްތަރެކެވެ. މި އެސްފިޔަތަކުގެ އެންމެ ތަފާތު ކަމަކީ، އެސްފިޔަތައް ތަތްކުރަނީ ދަގަތްފާނު ބޭނުންކޮށްގެން ކަމަށް ވާތީ އެވެ. ވަން ޓޫ ކުންފުނީގެ ބާނީ ކޭޓީ ސްޓޮޓްކާ ބުނެފައިވާ ގޮތުގައި މިއީ މުޅިން އާ އީޖާދެކެވެ.
އޮރިޖިނަލް، ބޯލްޑް، އެކްސެންޓް އަދި ފިލާގެ ނަން ދީފައިވާ ހަތަރު ވައްތަރެއްގެ އެސްފިޔަ ހިމެނެ އެވެ. މި އެސްފިޔަ ތަތްކުރަނީ ދެ ބައެއްގެ ގޮތުގަ އެވެ. އެއްބައި މަތީ އެސްފިޔަތަކުގައި ބާއްވާލުމަށްފަހު ތިރީ އެސްފިޔަތަކުގައި އަނެއް ބައި ޖައްސާލުމުން ދަގަތްފާނުގެ ބާރުގައި ދެ ބައި ތަވްވެ އެވެ.
އެސްފިޔަ ސެޓެއް ލިބެނީ 59 ޑޮލަރަށެވެ. މިއީ ބާޒާރުން ލިބެން ހުންނަ އެސްފިޔަތަކުގެ އަގަށް ވުރެ ބޮޑު އަގެކެވެ. ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ވަން ޓޫ ލޭޝަޒަކީ އަވަހަށް އަދި ފަސޭހައިން ތަތްކޮށްލެވޭނެ ވައްތަރަކަށް ވުމުން މި އެސްފިޔަތައް އާއްމުންގެ ތެރޭގައި މަގުބޫލުވާނެ އެވެ.