27 އޮކްޓޯބަރ 2017 - 14:46

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ދިވެހި ޕްރިމިއާ ލީގު މުހިއްމު ހިސާބެއްގައި އޮއްވައި، ގަލޮޅު ދަނޑުގައި މިރޭ ފަސްޓް ލޭޑީ ބަށި ޗެލެންޖުގެ ފައިނަލް މެޗު ކުޅުމަށް ތައްޔާރުވެއްޖެ އެވެ.
ލީގުގައި ރޭ ނިއު ރޭޑިއަންޓާއި އއ. މާޅޮސް ކުޅުމަށް މެޗަށް ފަހު މިއަދާއި މާދަމާ އަދި އާދީއްތަ ދުވަސް އޮތީ ހުސްކޮށެވެ. ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ ހޯމަ ދުވަހު ހަވީރެވެ.
ރޭގެ މެޗަށް ފަހު، މިރޭގެ ބަށި ފައިނަލަށް ދަނޑު ވަނީ ތައްޔާރުކުރަން ފަށައިފަ އެވެ.
ދަނޑުގައި އެހެން ކުޅިވަރެއް ކުރިއަށްގެންދާތީ ފުޓްބޯޅަ އަށް ލޯބިކުރާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު ބަށްޓަކީ އާއްމު ކުޅިވަރުތަކާ ހިލާފަށް ކުޅުންތެރިން އެކި ދިމަދިމާލަށް ދުވަން ޖެހޭ ނިސްބަތް މަދު ކުޅިވަރެކެވެ. އަދި ކުޅެން ބޭނުންކުރާނީ ވެސް ނިސްބަތުން ކުޑަ ސަރަހައްދެކެވެ.
މިނިވަން 50 ގެ ކުޅިވަރުތައް ބޭއްވުމަށް 2015 ވަނަ އަހަރު ދަނޑުގައި އެޅި މެޓާ އެކު ދަނޑު ވަރަށް ބޮޑަށް ހަލާކުވެ ފުޓްބޯޅަ ޝެޑިއުލަށް ބުރޫ އެރި އެވެ. އެ ބިރާ އެކު ފުޓްބޯޅަ ނޫން ކަމަކަށް ދަނޑު ބޭނުންކުރަން ފުޓްބޯޅައަށް ލޯބިކުރާ ބައެއް ފަރާތްތަކުން ދެކޮޅެވެ.
ލީގުގައި ގދ. ތިނަދޫ ޓީމަށް ކޯޗުކޮށްދޭ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނީ ގަލޮޅު ދަނޑުގައި ބަށީގެ ފައިނަލް މެޗު ކުޅުމަކީ މިވަގުތު އެއްވެސް މައްސަލައެއް ނޫން ކަމަށާއި އޭގެ ސަބަބުން ވިނަގަނޑަށް ގެއްލުމެއް ވެދާނެ ކަމަށް ނުދެކޭ ކަމަށެވެ.
"ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަކަށް އެ ބޭފުޅުން ރާވާނީ. (ލަންޑަނުގެ) ވެމްބްލީ ސްޓޭޑިއަމުގައި މިއުޒިކް ކޮންސަޓް ވެސް ބާއްވާ. އެހެންވީމާ މިއީ މައްސަލައެއް ނޫން. ކުޅިވަރުގެ ތެރެއިން މިކަން ކުރަންޏާ އަޅުގަނޑަށް މައްސަލައެއް ނުފެނޭ. އެކަމަކު އެހެން ވިސްނުމެއްގައި ކުރާ ނަމަ އެއީ ގޯހެއް،" ސުޒޭން ބުންޏެވެ.
ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބަށްޓަށް ހާއްސަ ތަނެއް ނެތުމާ ވެސް އެކު އެންމެ މެޗެއް، ގަލޮޅު ދަނޑުގައި ކުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ އެންމެ މެޗެއް ކުޅެލައިގެން ދަނޑަށް ގެއްލުމެއް ވެދާނެ ކަމަށް. ހާއްސަކޮށް ބަށި ކުޅެގެން ވިނަގަނޑަށް ގެއްލުމެއް ވެދާނެ ކަމަށް ނުދެކެން. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ނެޝަނަލް ސްޓޭޑިއަމް ބޭނުންކުރޭ އެހެން ކަންކަމަށް ވެސް. އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ވެސް މިއުޒިކް ޝޯތައް ވެސް ބާއްވާ،" ނިޒާމްބެ ބުންޏެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގަލޮޅު ދަނޑުގައި ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެއް ކްރިކެޓް ކުޅުނެވެ. ފުޓްބޯޅަ ނޫން ކަމަކަށް ގަލޮޅު ދަނޑު ފަހަކަށް އައިސް ބޭނުންކުރަނީ މިނިވަން ދުވަހުގެ ކުޅިވަރުތަކަށެވެ. އެކަމަކު މިނިވަން 50 ފާހަގަކުރަން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ގޮތަކަށް 2015 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅިގެން ލިބުނު ގެއްލުން ފިޔަވައި އެހެން ފަހަރެއްގައި މާބޮޑު ގެއްލުމެއް ވިނަގަނޑެއް ނުލިބެ އެވެ.