އައިސްލެންޑް ފަސޭހައިން ބަލިކޮށް ފްރާންސް ސެމީ އަށް
އައިސްލެންޑް ފަސޭހައިން ބަލިކޮށް ފްރާންސް ސެމީ އަށް

ޕެރިސް، ފްރާންސް (ޖުލައި 4) - އެންމެން ހައިރާންކޮށްލުމަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އައިސްލެންޑް އަތުން ފަސޭހަކަމާ އެކު 5-2 އިން މޮޅުވެ މުބާރާތް ބާއްވާ ގައުމު ފްރާންސް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ފްރާންސް ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ އެވެ. އަދި ފުރަތަމަ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ އޮންނާނީ ޕޯޗުގަލާ ވޭލްސްގެ ކުރިމަތިލުމެކެވެ.

ފްރާންސްގެ ޝަރަފްވެރި ޕާކް ޑި ފްރާންސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ބުރުގައި އިންގްލެންޑް އަތުން 2-1 އިން މޮޅުވި، ޔޫރަޕުގެ އާދައިގެ ގައުމެއް ކަމަށްވާ އައިސްލެންޑް ކޮޅަށް ފްރާންސުން މިރޭ ޖެހި ފުރަތަމަ ލަނޑާ އެކު އެ ޓީމުގެ ގޯލުގެ ފޫ ވަނީ ގޮސްފަ އެވެ.

މިރޭގެ މެޗުގައި ފްރާންސަށް ލީޑު ނަގައިދިނީ 12 ވަނަ މިނެޓުގައި އޮލިވާ ޖިރޯ އެވެ. މެދުރޮނގު މަތިން ބްލައިސް މަޓުއިޑީ ވައްޓާލި ބޯޅައަށް އަރައި، އެކަނިމާއެކަނި އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.

ފްރާންސުގެ ދެ ވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޕައުލް ޕޮގްބާ އެވެ. އެންޓޮއިން ގްރިޒްމަން ނެގި ހުރަސް ޕޮގްބާ ވަނީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފްރާންސުގެ ތިން ވަނަ ލަނޑު ވައްދާލީ ގްރިޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިމިޓްރީ ޕަޔެޓެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލިއިރު މިއީ އޭނާ ޖެހި ތިން ވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފްރާންސުގެ ހަތަރު ވަނަ ލަނޑު ޖެހީ ގްރިޒްމަން އެވެ. ހާފުގެ ތެރެއިން ކުރިއަށް ދިން ބޯޅަ، ޖިރޯ މޮޅު އުޅުޅަކާ އެކު ދޫކޮށްލީ ގްރިޒްމަން އަށެވެ. އޭނާ ވަނީ އެ ބޯޅަ ހޯދައި ކީޕަރު ބޯ މަތިން ގޯލް ތެރެއަށް އޮއްސާލައިފަ އެވެ. މި ލަނޑާ އެކު ހަތަރު ލަނޑު ހަމަކޮށް ގްރިޒްމަން ވަނީ ލަނޑު ލިސްޓުގެ އެއް ވަނަ ހޯދައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި އައިސްލެންޑުގެ ކޮލްބީން ސިބޯސަން ލަނޑު ޖަހައި އެ ޓީމަށް ސުން ކަނޑުލާވަދިނެވެ. މި ލަނޑާ އެކު ފްރާންސް ސަޕޯޓަރުން ވެސް އައިސްލެންޑަށް ތަރުހީބު ދިނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ފްރާންސްގެ ޖިރޯ ލަނޑު ޖަހައި އެ ޓީމަށް ސެމީ ފައިނަލް ކަށަވަރުކޮށްދިނެވެ. އައިސްލެންޑުގެ ދެ ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ބިރްކީ ޔަނާސަން އެވެ.