27 އޮކްޓޯބަރ 2017 - 14:52

އޮންލައިން އެޕްލިކޭޝަންތަކާއި ވެބްސައިޓްތައް ހަދަން ބޭނުންވާ ކޯޑިންއަށް ހާއްސަ ކޯސްތަކެއް އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އުފާގެ ފަރާތުން ވާހަކަދައްކަވަމުން ފާތިމަތު ސޯފިއާ ރަޝީދު ރޭ ވިދާޅުވީ 15 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ވެސް އެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. ހަ މަހާއި އެއް އަހަރުގެ މުއްދަތަށް ހިންގާ ކޯސްތަކުގެ ފީ އަކީ 1،000 ޑޮލަރު (15،420 ރުފިޔާ) އެވެ.

ހަޔަ އެޑިއުކޭޝަންގެ މަތީ ތައުލީމުގެ ލޯނުގެ ތެރެއިން އެ ކޯހުގެ ފީ ވެސް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސޯފިއާ ވިދާޅުވި ގޮތުގައި ކޯހުގެ ފުރަތަމަ ބެޗަށް ދަރިވަރުން މިހާރު ވަނީ ހޮވާފަ އެވެ. އަދި އަންނަ މަހު ކިޔެވުން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ކޯޑިން ކޯހުގެ ދެ ވަނަ ބެޗަށް ވަރަށް އަވަހަށް އިއުލާންކުރަން އުފާ ޕްރޮގްރާމުން ވަނީ ނިންމާފަ އެވެ.
ކޯޑިން ކޯސް ކުރިއަށް ގެންދަން މަޖީދިއްޔާ ސްކޫލުގެ ކްލާސްރޫމެއްގައި "ހަތާ ކޯޑިން ލެބް"ގެ ނަމުގައި ތަނެއް ވެސް ރޭ ހުޅުވި އެވެ. އެ ލެބްގައި ކޯޑުކުރުމާ ބެހޭ އެއް ރޭގެ ސެމިނާއެއް ކުރިއަށް ގެންދިޔަ އެވެ.
ސޯފިއާ ވިދާޅުވި ގޮތުގައި ޒުވާނުންްނަށް ހާއްސަކޮށްގެން ކޮންމެ މަހަކު ވެސް ކޯޑިންނާ ބެހޭ ސެމިނާއެއް ބާއްވާނެ އެވެ. އެ ސެމިނާތަކުގައި އުފާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯފިއާ ވިދާޅުވި ގޮތުގައި ކޯޑިން ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯހެކެވެ. ނަމަވެސް ކޯހުގެ ލެވެލްއާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެެވެ.
އުފާގެ ފަރާތުން ފާތިމަތު އުލްހާ ހަލީލް ވިދާޅުވީ ކޯޑިން ކޯސް އޮންލައިންކޮށް ކުރިއަށް ގެންދިޔަސް މާލޭގައި ތިބި ދަރިވަރުންނަށް ހަތާ ކޯޑު ލެބް ބޭނުންކުރެވޭނެ ކަމަށެވެ. ރަށްރަށުގައި ތިބި ދަރިވަރުންނަށް ޗެޓުު ގްރޫޕުތައް މެދުވެރިކޮށް ދަސްކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓްނަޝިޕް އުސޫލުން ކޯޑިން ކޯސް ހިންގަން ބޭރުގެ ދެ ފަރާތަކާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ.