27 އޮކްޓޯބަރ 2017 - 06:08
މުރަކަތައް ޕްލާސްޓިކް ކަނީ މީރުކަމުން ކަން ސައިންސްވެރިންގެ ހޯދުމަކުން އެނގި، މުރަކަ އަށް ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލާ މެދު އިތުރު ކަންބޮޑުވުންތައް އުފެދިއްޖެ އެވެ.
އެމެރިކާގެ ޑިއުކް ޔުނިވާސިޓީގެ ދިރާސާއަކުން އެނގުނު ގޮތުގައި، ކަނޑުގައިވާ އެހެނިހެން ދިރޭތަކެތި ޕްލާސްޓިކް ކަނީ ހަގީގީ ކާނާގެ ގޮތުގައި ޕްލާސްޓިކްގެ އެތިކޮޅުތައް ފެންނާތީ ކަމުގައި ވިޔަސް، މުރަކަތައް ޕްލާސްޓިކް ކަނީ ރަހަ މީރުކަމުންނެވެ. މުރަކައިގައި ލޯ ނުހުންނާތީ، ކުދި ޕްލާސްޓިކްކޮޅުތައް ކާނާގެ ގޮތުގައި ފެނުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
މި ދިރާސާގައި ސައިންސްވެރިންނަށް އިތުރަށް އެނގުނު ގޮތުގައި މުރަކަ ކާން ބޭނުންވަނީ ވެސް ޖަރާސީމު ނުހުންނަ ޕްލާސްޓިކެވެ. އެކަމުން ދޭހަވަނީ މުރަކަ އަށް ޕްލާސްޓިކް މީރުވާން މެދުވެރިކުރުވާ ކެމިކަލްތަކެއް އޭގައި ހުރުން އެކަށީގެންވާ ކަމެވެ.
މި ދިރާސާގައި އިސްކޮށް ހުންނެވި ސައިންސްވެރިއެއް ކަމަށްވާ އެލެގްޒެންޑާ ސީ ސީމޯ ފާހަގަކުރެއްވި ގޮތުގައި ފެކްޓްރީތަކުގައި ޕްލާސްޓިކް އުފައްދައިގެން ނެރޭ އިރު އެތަކެއް ސަތޭކަ ކެމިކަލެއް އެކުލެވެ އެވެ. އެހެންކަމުން، މުރަކަތައް ޕްލާސްޓިކަށް ހިތްޖައްސާ ކެމިކަލެއް ނުވަތަ ކެމިކަލްތަކެއް ޕްލާސްޓިކްގައި ހުރުން އެކަށީގެންވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ރިސާޗަރުން މި ކަމާ ކަންބޮޑުވެ އެވެ. ސަބަބަކީ ޕްލާސްޓިކަކީ ހަޖަމުކުރެވޭ އެއްޗަކަށް ނުވާތީ، ޕްލާސްޓިކް ކެއުމުގެ ސަބަބުން ދިރޭތަކެތީގެ ގޮހޮރު ބެދޭ ގޮތްވެ، އަބަދުވެސް ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސްކުރެވެން މެދުވެރިވާތީ އެވެ. އެހެންވުމުން، ފައިދާހުރި ކާނާ އާއި ހަކަތަ ލިބުމަށް އޮންނަ މަގު ބަންދުވެ އެވެ.
"މެރިން ޕޮލިއުޝަން ބުލެޓިން" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ރިސާޗަރުން ވަނީ ދެ އެކްސްޕެރިމެންޓެއް ހަދައިފަ އެވެ. ފުރަތަމަ އެކްސްޕެރިމެންޓްގައި، ސާފު ވެއްޔާއި އަށް ބާވަތެއްގެ ކުދި ޕްލާސްޓިކްކޮޅުތައް މުރަކަ އަށް ދިނެވެ. އެކަމަކު މުރަކަތައް ކެއީ ހަމައެކަނި ޕްލާސްޓިކެވެ. ވެލި ކާކަށް ނޫޅެ އެވެ.
ދެވަނަ އެކްސްޕެރިމެންޓްގައި ސައިންސްވެރިން މުރަކަ އަށް ދިނީ ސާފު ޕްލާސްޓިކާއި ޖަރާސީމު ހުރި ޕްލާސްޓިކެވެ. ބެކްޓީރިއާއަކީ މުރަކަ ފަދަ ކަނޑުގެ ދިރުންތަކަށް ފައިދާހުރި އެއްޗެކެވެ. އެކަމަކު ރިސާޗަރުންނަށް ފާހަގަކުރެވުނު ގޮތުގައި މުރަކަ ކާން ބޭނުންވަނީ ޖަރާސީމު ނެތް، ސާފު ޕްލާސްޓިކެވެ.
ސީމޯ ވިދާޅުވިގޮތުގައި މި ދިރާސާގެ ސަބަބުން އެންމެ ފަހުން ހާސިލްކުރަން އުއްމީދުކުރެވޭ ނަތީޖާއަކީ، މުރަކަ ކާހިތްވާ ގޮތަށް ގަސްދަކާ ނުލައި ޕްލާސްޓިކް އުފެއްދެންޏާ، މުރަކަ އަށް ނުބައިވާނެ ގޮތަށް ވެސް ޕްލާސްޓިކް އުފެއްދިދާނެ ކަން ހާމަވުމެވެ. އޭރުން، މުރަކަ އަށް ޕްލާސްޓިކްގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.