އެމްޑަބްލިއުއެސްސީގެ އަންހެން މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ޕޮލިސީއެއް ތައާރަފު ކޮށްފި
އެމްޑަބްލިއުއެސްސީގެ އަންހެން މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ޕޮލިސީއެއް ތައާރަފު ކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މާބަނޑު މުވައްޒަފުންނާއި ޅަދަރި މައިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ފަދަ ސިޔާސަތެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

މި މަހުން ފެށިގެން އަމަލުކުރަން ފެށި އެ ޕޮލިސީގެ ދަށުން މާބަނޑު މުވައްޒަފުންނާއި އެއް އަހަރު ނުވާ ކުދިން ތިބި އަންހެން މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި އެ ޕޮލިސީގެ ދަށުން އެފަދަ މުވައްޒަފުންނަށް މަސައްކަތުގެ ގަޑިއަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެ އެވެ.

އެފަދަ ޕޮލިސީތަކަކީ މަސައްކަތުގެ މާހައުލުގައި ދެ ޖިންސުގެ މެދުގައި އޮތް ފަރަގު ވަރަށް ބޮޑަށް ކުޑަ ކުރަން އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށާއި އެމްޑަބްލިއުއެސްސީން އަބަދުވެސް މަސައްކަތް ކުރަނީ މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަން ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވެ އެވެ. އެ ޕޮލިސީ މިވަގުތު އެމްޑަބްލިއުއެސްސީގެ ފަސް މުވައްޒަފަކު އަންނަނީ ބޭނުން ކުރަމުންނެވެ.

މީގެ ކުރިން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެެއިން ވެސް މާބަނޑު މުވައްޒަފުންނާއި ޅަ ދަރިމައިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.