މުހިންމު ބަހުސަކަށް ކެޓަލޯނިއާގެ ޕާލަމެންޓް ބައްދަލުކުރަނީ
މުހިންމު ބަހުސަކަށް ކެޓަލޯނިއާގެ ޕާލަމެންޓް ބައްދަލުކުރަނީ

ބާސެލޯނާ (އޮކްޓޯބަރު 26) - ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާމެދު ސްޕޭނުގެ މައި ސަރުކާރާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ މައްސަލާގައި މަޝްވަރާ ކުރަން ކެޓަލޯނިއާގެ ޕާލަމެންޓުގެ މުހިންމު ބައްދަލުވުމެއް މިއަދު ބާއްވަން ހަމަޖައްސައިފި އެވެ.

ސްޕޭން ސަރުކާރުން ވަނީ ކެޓަލޯނިއާ އަށް ދީފައިވާ ސަރަހައްދީ މިނިވަންކަން ނެގުމަށް ނިންމައިފަ އެވެ. މި މައްސަލާގައި ކެޓަލޯނިއާގެ ރައީސް ކާލްސް ޕުޖްޑެމޮން ވަނީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އެހެންވެ މި މައްސަލާގައި ބަހުސް ކުރަން ކެޓަލޯނިއާގެ ޕާލަމެންޓް ބައްދަލު ކުރާނީ މިރެ އެވެ.

މެޑްރިޑުން ވަނީ ކެޓަލޯނިއާގެ މައްޗަށް ސީދާ ބާރު ހިންގަން ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުން ކުރަން ނިންމައިފަ އެވެ. ސްޕޭން ސަރުކާރަށް އެ ހުއްދަ ލިބޭނީ ސެނެޓުން ފާސް ކުރުމުންނެވެ. ސެނެޓުގެ ބައްދަލުވުމެއް މާދަމާ އަށް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. ސްޕޭން ސެނެޓުގައި ވާހަކަ ދައްކަން ޕުޖްޑޮމޮން އަށް ދިން ފުރުސަތު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.